-Advertisement-

-Advertisement-

އެމްޑީޕީއަށް ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތްކުރާ ކޮންމެ ބަޔަކާ އެއްކޮށް މަސައްކަތްކުރެވޭނެ: ފައްޔާޒު

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް – ފޮޓޯ: ނިއުސްލެބް

އެމްޑީޕީ އަށް ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތްކުރާނެ ކޮންމެ ބަޔަކާ އެއްކޮށް މަސައްކަތްކުރެވޭނެ ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ އެއީ ސަރުކާރާއި އެކުގައި ކަމަށް ވިޔަސް އެބަޔަކާއި އެކު މަސައްކަތް ކޮށްގެން ރައްޔިތުންނަށް ފައިދާވާ ކަމުގައިވާނަމަ އެމްޑީޕީއަށް އެބަޔަކާއި އެކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށެވެ.

އެހެންނަމަވެސް އެމްޑީޕީ އަށް ފާޑު ކިޔުއްވާ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވަނީ އެމްޑީޕީ އަށް ތާއީދުނުކުރައްވާނެ ކަމަށެވެ. ޕީއެންއެފްގެ އޮފީހުގައި މިދިޔަ ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ މުޅި އަޚްލާގު ހަލާކުކޮށްލައި އެމަނިކުފާނު ‘ހުރަގޭގައި’ އެ ޕާޓީގެ ފަސް އަހަރު ގެންގުޅުނު މީހުން ކަމަށެވެ.

ރައީސް ޔާމީންގެ ޚިޔާލާއި މެދު ‘ރާއްޖެޓީވީ’ ގެނެސްދޭ ‘ފަލަ ސުރުޚީ’ ޕްރޮގްރާމްގައި ސުވާލު ކުރެއްވުމުން ފައްޔާޒު ވިދާޅުވީ ރައީސް ޔާމީން ވިދާޅުވި އެއްޗެކީ މާ ބޮޑު ކަމެއްގެ ގޮތުގައި އެމްޑީޕީން ނުދެކޭ ކަމަށެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ އެމްޑީޕީއިން ބޭނުންވަނީ ދިވެހީންނަށް ހަމަހަމަކަމާއި މިނިވަންކަމާއި އިންސާފާއި އިގްތިސޯދީ ފުދުންތެރިކަން ހޯދައިދޭން ކަމަށެވެ.

“އެ އަދި މި ސަރުކާރު ވިޔަސް ހެޔޮ އިނގޭތޯ،” މިފަދައިން ވިދާޅުވެ ފައްޔާޒު ވިދާޅުވީ އެ މިސްރާބަށް މަސައްކަތްކުރާ ކޮންމެ ބަޔަކާ އެކީ ވެސް އެމްޑީޕީ އަށް މަސައްކަތްކުރެވޭނެ ކަމަށެވެ.

“އަޅުގަނޑުމެންނެއް ދުވަހަކު ވެސް ނުބުނާނަން މިވެނި ބަޔަކާ އެއްކޮށް ދުވަހަކު ވެސް މަސައްކަތެއް ނުކުރާނަމޭ، އަޅުގަނޑުމެންގެ ސިޔާސަތުތަކާ އެއްގޮތަށް އެ މިސްރާބަށް މަސައްކަތްކުރާ ހުރިހާ އެންމެންނާ އެއްކޮށް އަބަދުވެސް އަޅުގަނޑުމެން މަސައްކަތްކުރާނަން،” ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ރޭ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން ވަކިވި މެންބަރުން އުފެއްދި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީ އާ އަލުން ގުޅި އެކުގައި މަސައްކަތްކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވާފައި ވަނިކޮށެވެ. ރައީސް ސޯލިހުގެ މި ގޮވާލުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގެންފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-