ޔުނިފޯމް އެޅި އިދާރާތަކުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އިން ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމަށް އެހީތެރިވެދޭތީވެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.
މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން މި އޮޕަރޭޝަން ކުރިއަށްދާކަން ހާމަކުރެއްވާ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން މާފުށީ ޖަލުގައި ކުރިއަށް ގެންދާ މި ހާއްސަ އޮޕަރޭޝަން ގައި އިން އިންޓެލިޖެންސް ބޭނުންކޮށްގެން މައުލޫމާތު ހޯދާފައިވާ ކަމަށެވެ.
އިންޓެލިޖެންސް ބޭނުންކޮސްގެން ހޯދިފައިވާ މައުލޫމާތު ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ ކަރެކްޝަންސްގެ 18 މުވައްޒަފެއް ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި އެހީތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި 18 މުވައްޒަފުންގެ އެކައުންޓަށް އާދަޔާ ޚިލާފަށް ފައިސާ ވަދެފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން އެގޮތުން ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް 24 މިލިއަން ރުފިޔާއިން ޖަމާވެފައިވާއިރު 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.
“އަޅުގަނޑުމެން އިތުރަށް މިކަން ބެލިބެލުމުން ފާހަގަކުރެވުނީ މި ފައިސާ މި އެކައުންޓުތަކަށް ޖަމާވެފައި ހުރީ ޖަލުގައި މިހާރު ހައްޔަރުގައި ތިބި އަދި ކުރިންވެސް ހައްޔަރުގައި ތިބި ގައިދީންގެ އެކައުންޓުގައި ހުރި ފައިސާއިންނާއި މާލޭގައި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި މުވައްޒަފުންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައި ހުރިކަން ފާހަގަކުރެވުނު” އޭސީޕީ ޝަރީފް ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ބައެއް މުވައްޒަފުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި ފައިސާ ޖަމާކޮށްދިން ފަރާތްތައް ދެނެގަނެ އެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކަރެކްޝަންސްގެ ތެރެއިން ފާހަގަވި 18 މުވައްޒަފުންނަކީވެސް ޖޫނިއަރ ރޭންކުގެ އޮފިސަރުން ކަމަށެވެ. އެހެންނަމަވެސް މިފަދަ ކަންކަމުގައި ރޭންކެއް އިސްތިސްނާ ނުކުރައްވާނެ ކަމަށާއި މިހާރު ކުރިއަށްދާ އޮޕަރޭޝަން ފުޅާކުރައްވާނެކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
“މިވަގުތަށް ބަލާއިރު އަޅުގަނޑުމެންނަށް ޝައްކުކުރެވެނީ މިކަންކަމުގައި ބައިވެރިވާން ކަމަށް. ސަބަބަކީ ކުށްކުރާ ފަރާތްތަކުގެ އެކައުންޓުން ޖަމާވެފައި އެބަހުރި. ޖަލުގައި ތިބި ގައިދީންގެ އެކައުންޓުން ޖަމާވެފައި އެބަހުރި. އެގޮތަށް ފައިސާ އާންމު ހާލަތުގައި އަންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަރެކްޝަނަލް ސަރވިސްގެ އޮފިސަރަކަށް،” ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.