ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި އެކު، މިއަހަރުގެ މިނިވަންދުވަހު ފުޅަނދުބުރާއި ކުޅިވަރުތައް ނުބާއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމަށާއި ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭކަމަށެވެ.
ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ…
— Dr Mohamed Muizzu (@MMuizzu) June 27, 2024
އެގޮތުން ޚަރަދު ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފައިވާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާ އެކަނި ބޭއްވުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފައިވާއިރު، ހަރަދު ކުޑަ ކުރުމަށްޓަކައި އިތުރު ފިޔަވަޅުތައްވެސް އެޅިގެންދާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.