ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދައިދޭ ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތިން މުވައްޒަފަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިރޭ ނޫސްވެރިންނާއި ބައްދަލުކޮށް ވިދާޅުވީ، ފުލުހުންގެ އިންޓެލޮޖެންސާއި ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި ކަރެކްޝަންސްގެ މުވައްޒަފުންގެ އެކައުންޓަށް އާދަޔާ ޚިލާފަށް ފައިސާ ޖަމާވެފައިވާ ކަމަށެވެ.
އެގޮތުން ކަރެކްޝަންސްގެ ތެރޭގައި ގާއިމްކޮށްފައިވާ ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދައިދޭ ނެޓްވޮރކްގައި ކަރެކްޝަންސްގެ 18 އޮފިސަރުން އުޅޭކަން މިހާތަނަށް ބެލި ބެލުން އިނގޭކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ޖަލުތަކަށް މަސްތުވާތަކެތި ވައްދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ކުރިއަށް ގެންދިޔަ މިއޮޕަރޭޝަންގައި މިހާތަނަށް ތިން މުވައްޒަފުން ހައްޔަރުކޮށްފައިވާއިރު، ކުރިއަށް އޮތްތަނުގައި މިއޮޕަރޭޝަން ފުޅާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“މި އޮޕަރޭޝަން މިހާރު ވަނީ މާފުށީ ޖަލުގައި ފެށިގެން ކުރިޔަށް މިގެންދަނީ. އެގޮތުން އަޅުގަނޑުމެން ބައެއް މުވައްޒަފުން މިހާހިސާބަށް ހައްޔަރުވެސް ކުރެވިފައިވޭ. ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފައިވޭ.” ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން މިނެޓްވޯރކްއިން ފާހަގަކުރެވުނު 18 އޮފިސަރުންގެ ތެރެއިން 6 ފަރާތެއް މިއަހަރު ވަޒީފާއިން ވަކިވެގެން ގޮސްފައިވާ ކަމަށާއި ވަޒީފާއިން ވަކިވި ނަމަވެސް އެބޭފުޅުންނާއި މެދު ވެސް ފިޔަވަޅު އަޅާ އެމައްސަލަ ބަލާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.