-Advertisement-

-Advertisement-

ފަލަސްތީނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބާ ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފަލަސްތީނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާދު މަންސޫރާ ބައްދަލުކުރައްވަނީ. ފޮޓޯ: މޫސާ ޒަމީރު

ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި،  ނިއު ޔޯކަށް ވަޑައިގެން ފަލަސްތީނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާދު މަންސޫރާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ އދގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމާއެކު އދގެ ދާއިމީ މެމްބަރެއްގެ ދަރަޖަ ހޯދަން ކުރާ މަސައްކަތުގައި ރާއްޖޭން ސާބިތުކަމާއެކު ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިކަމަށް އެ މިނިސްޓްރީން ހާމަކުރިއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރު ގައުމަކަށް ވުމުގެ ޙައްޤު ހާސިލުކުރުމުގައި، ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ފަރާތުން އަރުވާފައިވާކަމަށެވެ.

މީގެ އިތުރުން އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ނިމުމަކަށް ގެނައުމަށް ގޮވާލުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމަށް ޒަމީރު ވަނީ އެ ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ. ހަމައެހެންމެ އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ކެނޑިނޭޅި އަޑުއުފުލާނެކަމުގެ ޔަގީންކަން ވެސް ޒަމީރު ދެއްވިއެވެ.

މީގެއިތުރުން ވަޒީރު ވަނީ ނިއު ޔޯކާއި ނިއު ޖަރޒީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފައެވެ. އަދި ނިއު ޔޯކްގައި އުޅޭ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ވެސް ވަޒީރު ވަނީ ބައްދަލުކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-