ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރަ ކުޑަކޮށް ނަމޫނާ ދެއްކުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސެއިން ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަދި ބަދަލަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށް އޭނާ ވަނީ އެ ޕޯސްޓްގައި ވިދާޅުވެފައެވެ.
މުސްތަފާ މިހެން ވިދާޅުވެފައި މި ވަނީ ދައުލަތުގެ ބަޖެޓަށް ފައިނޭންސް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ދުވަސްވަރެއްގައެވެ. ރާއްޖެ މިހާރު މިސްރާބު ޖަހާފައި ވަނީ ހަރަދު ކުޑަކުރުމާ ދިމާއަށެވެ. އަދި ސަރުކާރުގެ ހުރިހާ ފޯކަސްއެއް ވެސް މިހާރު ހުރީ ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށެވެ.
މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު މެމްބަރުންނަށް މަހެއްގެ މައްޗަށް 62000 ރުފިޔާ އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20000 ރުފިޔާއާ އެކު މަހެއްގެ މައްޗަށް ޖުމްލަ 82500 ރުފިޔާ ލިބެއެވެ. އެ މުސާރަ ބޮޑުކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސް ކުރިއެވެ. ނަމަވެސް، ކޮމިޓީ މަރުހަލާއިން އެ މަސައްކަތް ވަނީ މަޑުޖައްސައިލެވިފައެވެ.
މިހާރު މެންބަރުންނަށް މުސާރައާއި ކޮމިޓީ އެލަވަންސްގެ އިތުރުން މުޅި އާއިލާއަށް މެޑިކަލް އިންޝުއަރެންސް ވެސް ލިބެއެވެ.