ކޮޕާ އެމެރިކާ 2024 ގައި ކުޅުނު ދެވަނަ މެޗުން ބޮޑު ތަފާތަކުން ޕެރެގުއޭ ބަލިކޮށް ބްރަޒިލް ކުއާޓާ ފައިނަލަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފިއެވެ.
ހުކުރު ދުވަހުގެ ރޭ އެމެރިކާގެ ލާސް ވޭގަސްގައި ކުޅުނު މި މެޗުން ބްރަޒިލް މޮޅުވެފައިވަނީ 4-1 ގެ ނަތީއްޖާއަކުންނެވެ. ބްރަޒިލްއަށް ކޮޕާ އެމެރިކާގައި ވިނީޝިއަސް ޖޫނިއަރ ފުރަތަމަ ދެ ގޯލު ޖަހާފައިވާއިރު އަނެއް ދެގޯލު ކާމިޔާބު ކޮށްދިނީ މިއަންނަ ސީޒަނުގައި މެންޗެސްޓާ ސިޓީއަށް ކުޅެން ސޮއިކުރި ޒުވާން ތަރި ސަވީނިއޯ އަދި ލޫކަސް ޕަކޭޓާއެވެ.
މެޗުގެ ފުރަތަމަ މިނުޓުން ފެށިގެންވެސް ބްރެޒިލްގެ ފަރާތުން ރަނގަޅު އެޓޭކިން ފުޓްބޯޅަ ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ހާފުވެސް ނިންމާލާފައިވަނީ 3-0 ގެ ނަތީއްޖާ އަކާ އެކު މޮޅުވުމުގެ އުފާ ފާޅުކުރުންތަކާއެކުގައެވެ. އެހެން ނަމަވެސް ދެވަނަ ހާފު ފެށިތާ ވިހި މިނުޓު ފަހުން ޕެރެގުއޭއިން ގޯލެއް ޖަހައި ފަރަގު ކުޑަ ކުރިއެވެ. ބްރަޒިލުން ލީޑު އިތުރަށް ފުޅާކުރީ ޕަކޭޓާ ޖެހި ޕެނަލްޓީއަކުންނެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑުގެ ފޯވާޑް ވިނީޝިއަސް ޖޫނިއާ ހޯދާފައިވާއިރު މިއީ އޭނާ މި މުބާރާތުގެ ތާރީޚުގައި ގޯލެއް ޖެހި ފުރަތަމަ ފަހަރެވެ. އަދި މިއީ ބްރަޒިލަށް އެއް މެޗެއްގައި އޭނާ ދެގޯލު ޖެހި ފުރަތަމަ ފަހަރުވެސް މެއެވެ.
ފުރަތަމަ މެޗުން އެއްވަރު ވެފައިވުމުން ބްރަޒިލް ކުއާޓާ ފައިނަލަށް އަދި ކޮލިފައިނުވެއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އެޓީމު ބައްދަލު ކުރާނީ ކޮލޮމްބިއާ އާއެވެ. އެ މެޗުން އެއްވަރު ވިޔަސް ބްރަޒިލް ކުއާޓާއަށް ކޮލިފައިވާނެއެވެ.
ބްރަޒިލް އަދި ކޮލޮމްބިއާ ބައްދަލުކުރާ މެޗު އޮންނާނީ ޖުލައި 2 ވާ އަންގާރަ ދުވަހުގައެވެ.