-Advertisement-

-Advertisement-

ޖަލުގައި މަރުވާ މީހުން އާއިލާ އާއި ހަވާލު ކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު: ހޯމް މިނިސްޓާރ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ކެޕްޓަން އަލީ އިހުސާން

ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކު ނިޔާވެއްޖެނަމަ އެމީހަކު އާއިލާއާއި ހަވާލު ކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި އުމުރުން 45 އަހަރުގެ ޖަމީލް އިއްޔެ މަރުވުމުން އޭނާގެ މަރާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ނޫސްވެރިންނާއު ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން  އިހުސާން ވިދާޅުވީ މިގޮތަށް ޢަމަލުކުރެއްވުމަށް ނިންމެވީ ޖަލުތަކުގައި ހިނގާ މަރުތަކާއި ބެހޭގޮތުން އާއްމުންގެ ހިތުގައި މުއައްސަސާތަކާއި މެދު ޝައްކު އުފެދޭނެ އެއްވެސް ޖާގައެއް ނުދެއްވުމަށްކަމަށެވެ.

އިއްޔެ މާފުށީ ޖަލުގައި ޖަމީލު މަރުވެފައިވާއިރު، އޭނާގެ ހަށިގަނޑު ހިނަވާގޭގައި ބާއްވާފައި އޮއްވައި އޭނާގެ ގައިގައި ހުރި ނިޝާންތަކެއް ދައްކައި އޭނާއަށް މާފުށީ ޖަލުގައި ކަރެކްޝަންސްގެ އޮފިސަރުން އަނިޔާ ކޮށްފައިވާކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ދައުރުކުރަން ފެށުމުން ޕޯސްޓްމޯޓަމް ހެއްދުމަށް ފުލުހުންނަށް އެންގި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އާއިލާއިން މިކަމަށް ހުރަސް އަޅާ އެއީ އެއީ ގުދުރަތީ މަރެއް ކަމަށް ގަބޫލުކުރާ ކަމަށާއި ޕޯސްޓްމޯޓަމް ހަދައިގެން ހަށިގަނޑަށް އިތުރަށް ގެއްލުންދޭން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެފަދަ ވާހަކަތަކެއް ދައުރު ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށާއި މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު ދޫ ކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ގައިދީންނަށް އަޅުކަމުގައި ހުރުމުގެ ފުރުސަތު މީގެ ކުރިންވެސް ދެވިފައިވާ ކަމަށެވެ. އެގޮތުން ގައިދީއަކު އަޅުކަމުގައި ހުރި ކަމުގައިވީ ނަމަވެސް ކޮންމެ ގަޑިއިރަކު އެއްފަހަރު ޖަލު އޮފިސަރުން އެގައިދީއެއްގެ ފުރާނަ ހުރިތޯ ބަލާނެ ކަމަށެވެ.

އިއްޔެ މާފުށީ ޖަލުގައި ނިޔާވެފައިވާ ޖަމީލް ނިޔާވެފައިވަނީ ނަމާދަށް ސަޖިދައިގައި އޮށްވައެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ފުލުހުން ބުނެފައިވާ ގޮތުގައި ޖަލީމް ނިޔާވުމަށްފަހު ހަތަރު ގަޑިއިރު ވަންދެން ސަޖިދައިގައި އޮތް ކަމަށާއި އޭނާގެ ހަށިގަނޑުގެ ކުލަ ބަދަލުވެފައި ވަނީ އެހާ ގިނައިރު އެގޮތަށް އޮތުމުން ކަމަށެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ސަމާހު ވިދާޅުވި ގޮތުގައި ޖަމީލް އެގޮތަށް އޮވެ، ކުޑަކަމުދެވިފައި ހުރިކަމަށާއި އޭނާގެ ހަށިގަނޑުންވެސް އަދި ގޮޅިންވެސް އެފަދަ ކަންތައްތައް ފެނިފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-