މޫދަށް އެރި އުޅުނު ދިވެހި އަންހެނަކު ނިޔާވެފައި އޮއްވާ ދަނބިދޫއިން ފެނިއްޖެއެވެ.
ދަނބިދޫގެ ކައުންސިލްގެ ނައިބު ރައީސް ހުސަޢިން ފަޒީލް އާއި ހަވާލާދީ ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ވަގުތު ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޫދުގައި ނިޔާވެފައި އޮއްވާ 65 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އަކީ އާންމުކޮށް މޫދަށް ގޮސް އުޅޭ މީހެއް ނޫން ކަމަށެވެ.
ނިޔާވެފައި އޮއްވާ މިއަދު ފެނުން އަންހެން މީހާއަކީ އެ ރަށު ނިޔަދުރުމާގެ، އައިމިނަތު އުމަރެވެ. މައުލޫމާތު ލިބޭ ގޮތުން އޭނާ އަކީ ފަންގިވިދެގެން އާމްދަނީ ހޯދާ މީހެކެވެ. އަދި އެރަށުގައި އޭނާ ދިރިއުޅެނީ ދެމަފިރިއަކާ އެކުގައެވެ.
“އެ އަންހެން މީހާ މިއަދު ފަންގިވިންނަން އުޅެފައި އަސުރުގެ ކުރިން، ގާތްގަނޑަކަށް 3:30 ގެ ކުރިން މޫދަށް ދިޔައީ.” ފަޒީލް ވިދާޅުވިއެވެ.
އެއަންމީހާ މޫދުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ މިއަދު ހަވީރު 4:50 ގައި ކަމަށާއި އޭނާ ފެނުނީ ގާތްގަނޑަކަށް 100 ފޫޓު ދުރުން އޮޔާ ދަނިކޮށް ކަމަށްވެސް ފަޒީމް ވިދާޅުވިއެވެ.
“މޫދުގައި ނިޔާވެފައި އޮތީ ފެނުނު އިރު، ގާތްގަނޑަކަށް 100 ފޫޓު ދުރުން އޮޔާ ދަނިކޮށް ފެނުނީ،” ފަޒީލް ވިދާޅުވިއެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ދަނބިދޫ އިރުމަތީ ފަރާތު ކޯޒްވޭ ސަރަހައްދުގައި މޫދުގައި މީހަކު އޮޔާދަނިކޮށް ފެނިގެން ހެލްތު ސެންޓަރަށް ގެންދިޔަ ކަމުގެ ރިޕޯޓު މިއަދު 16:55 ހާއިރު ލިބިފައިވާ ކަމަށާއި ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.