-Advertisement-

-Advertisement-

ޖަލުގައި މަރުވާ ހުރިހާ ގައިދީން އާއިލާއާ ހަވާލުކުރުމުގެ ކުރިން ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި

މުހައްމަދު ޖަމީލުގެ މަރުގެ މައްސަލައިގައި ފުލުހުންނާއި ކަރެކްޝަންސްއިން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސް. ފޮޓޯ: ޕީއެސްއެމް ނިއުސް

ކުރިއަށް އޮތް ތަނުގައި، ޖަލުގައި މަރުވާ މީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ށ. ފުނަދޫއަށް ނިސްބަތްވާ 45 އަހަރުގެ މުހައްމަދު ޖަމީލު މިދިޔަ ހުކުރު ދުވަހު ނިޔާވި މައްސަލާގައި އޭނާގެ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ ދީފައިވާ އަނިޔާތަކެއްގެ ސަބަބުން ލިބުނު އަނިޔާތަކެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ކަރެކްޝަންސްއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ހުކުރު ދުވަހު ޖަލުގައި ނިޔާވި ގައިދީގެ މަރާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޖަލުގައި ގައިދީއަކު ނިޔާވެގެން ކަން ހިނގާދިޔަ ގޮތުގެ ތަޖުރިބާއަށްފަހު މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއެއްގެ ހަށިގަނޑު ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށްފަހުކަމަށެވެ. އަދި އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދާ ރިޕޯޓް ލިބި މުއައްސަސާތަކުން ފުރިހަމައަށް ޖަވާބުދާރީވުމަށް ތައްޔާރުވެގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޙްސާން އިތުރަށް ވިދާޅުވީ، ޖަލުތަކުގައި މި ވަގުތު ޙާލަތު ހުރީ ބައިނަލްއަޤުވާމީ ސްޓޭންޑަޑުތަކާ އެއްގޮތަށް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ބޭތިއްބޭނެ ހުރިހާ ކަމެއް ފުރިހަމައަށް ނޫންކަމަށެވެ. އަދި ޖަލުތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަން އެބަ ހުރިކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ. އެގޮތުން މިހާރު އާއްމު އުސޫލަކީ ގަޑިއަކު އެއް ފަހަރު ބެލުންކަމުގައި އޮތްނަމަވެސް އަޅުކަމުގައި މަޝްއޫލުވެ ޚާއްޞަކޮށް ސަޖިދައިގައި މީހަކު އޮންނަނަމަ އޭނާގެ އަޅުކަމަށް ދަތިވާނެހެން މީގެ ކުރިން ބަލާ ޗެކްކޮށްފައިނުވާކަމަށެވެ. ނަމަވެސް މީގެ ފަހުން ކޮންމެ ގަޑިއިރަކުން މީހާ ހުރި ޙާލެއް ބެލުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ މައްސަލާގައި ފުލުހުންނާއި ކަރެކްޝަންސްއިން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނީ ޖަމީލުގެ ހަށިގަނޑުގައި ނިޝާންތަކެއް ހުއްޓަސް އެއީ ބަޔަކަށް ދީފައިވާ އަނިޔާތަކެއްކަމަށް ތަހުގީގުން އެނގެން ނެތްކަމަށެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-