ޔޫރޯ 2024 ގެ ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗުން އެންމެފަހުގެ ޗެމްޕިއަން އިޓަލީ ކަޓުވާލުމަށްފަހު ސްވިޒަލެންޑު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ހޮނިހިރު ދުވަހުގެރޭ ޖަރުމަންގެ ވެރިރަށް ބާލިންގައި ކުޅުނު ރައުންޑް އޮފް 16 ގެ މެޗުން ސިވްޒަލެންޑް މޮޅުވީ 2-0 ގެ ނަތީއްޖާއަކުންނެވެ. މި މެޗުގައި ސްވިޒަލެންޑަށް ގޯލުތައް ކާމިޔާބު ކޮށްދިނީ ރީމޯ ފްރިއުލާ އަދި ރުބެން ވާގަސް އެވެ.
މި މެޗުގައި ސްވިޒަލެންޑުންވަނީ ރަނގަޅު ކުޅުމެއް ދައްކައި %65 ބޯޅަ ހިފަހައްޓާފައެވެ. ފުރަތަމަ ގޯލު ޖެހުމުގެ ކުރިންވެސް އެޓީމުންވަނީ 8 ޝޮޓު އިޓަލީގެ ގޯލަށް ފޮނުވާލާފައެވެ. އަދި މެޗުގެ 37 ވަނަ މިނުޓުގައި ލީޑު ނަގާފައިވާއިރު ދެވަނަ ހާފު ފެށިގެން އެންމެ 27 ސިކުންތު ތެރޭގައި ލީޑު އިތުރަށް ފުޅާ ކޮށްފައިވެއެވެ.
މި ނަތީއްޖާއާއެކު ކުއާޓާފައިނަލުގެ ޖާގައެއް ސްވިޒަލެންޑުން ކަށަވަރު ކޮށްފައިވާއިރު އެ މެޗުގައި އެ ޓީމުން ނުކުންނާނީ އިންގްލެންޑު ނުވަތަ ސްލޮވޭކިއާ އާއި ދެކޮޅަށެވެ.