ޤުުރްއާން ހިތުދަސްކުރަ ކުދިންގެ ތެރެއިން މަހަކު 3 ފޮތަށްވުރެ ގިނައިން ހިތުދަސްކުރާ ކުދިންނަށް ޕޮކެޓް މަނީއެއް ދިނުމަށް ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު މިކަން ހާމަކުރެއްވީ ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމި މުބާރާތް ފެށުމަށް ރޭ ބޭއްވުނު ރަސްމިޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ރަސްމިޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، ޤުރުއާން ހިތު ދަސްކުރުމަކީ ބުރަ އަދި މާތް މަސައްކަތެއް ކަމަށާއި އެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ މަހަކު 3 ފޮތް ނުވަތަ އެއަށްވުރެ ގިނަ ފޮތް ދަސްކުރާ ދަރިވަރުންނަށް ޕޮކެޓްމަނީއެއް ދިނުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ޤުރްއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމުގެ މުހިއްމުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ޕޮކެޓް މަނީ ފެށޭ އަހަރުން ފެށިގެން ދިނުމަށް ނިންމާފައިވާކަމަށެވެ.
އަދި ޤުރުއާން ހިފްޒުކުރުމުގެ މަޝްރޫއުތައް ކުރިއަށް ވުރެ ވަރުގަދަކޮށް ހިންގަވާނެކަމުގެ ޔަޤީންކަން ވެސް ރޭގެ ރަސްމިޔާތުގައި ވަޒީރު ވަނީ ދެއްވައިފައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފްއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމުލަ 119 މުއައްސަސާއަކުން 1029 ބައިވެރިން ކިޔެވުމަށް ހަމަޖެހިފައެވެ.