ކޮޕާ އެމެރިކާ 2024 ގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޗިލޭއާއި އެކު 0-0 ގެ ނަތީއްޖާއަކުން އެއްވަރުކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ކެނެޑާ ދަތުރުކޮށްފިއެވެ,
ހޮނިހިރު ދުވަހުގެ ރޭ އެމެރިކާގެ ފްލޮރިޑާގައި ކުޅުނު މި މެޗުން ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިފައިނުވާ އިރު މިއީ މުބާރާތުގައި އަލަށް ކުޅޭ ޓީމެއް ފުރަތަމަ ފަހަރުން ކުއާޓާއަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. މި މެޗުގައި ގޯލު ޖަހާނެ ގިނަ ފުރުސަތުތައް އުފައްދާފައިވަނީ ޗިލޭ އިންނެވެ. އެހެންނަމަވެސް އެއްވެސް ގޯލެއް ނުޖެހި އެއްވަރު ވުމުން ޗިލޭ ވަނީ މުބާރާތުން ކަޓާފައެވެ.
މެޗުގެ 26 ވަނަ މިނުޓުގައި ޗިލޭގެ ކުޅުންތެރިޔަކަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުގެ ސަބަބުން މެޗުގެ ބޮޑު ބައެއް ޗިލޭ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިޔަކު މަދުންނެވެ. އެހެންނަމަވެސް އެކަމުގެ ފައިދާ އެހާ ބޮޑަކަށް ކެނެޑާ ޓީމަށް ހިފިފައި ނުވެއެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓާފައިވީނަމަވެސް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތު ތަކެއް އުފެއްދިފައި ނުވެއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކެނެޑާއިން ތިން މެޗު ކުޅެފައިވާއިރު އެތަނުން އެއް މެޗުން މޮޅުވެ, އެއް މެޗުން ބަލިވެ އަދި އެއް މެޗުން އެއްވަރުވުމުން އެޓީމަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. އަދި އެއްވެސް މެޗަކުން މޮޅު ނުވެ ދެމެޗުން އެއްވަރުވި ޗިލޭ އަށް ލިބިފައިވަނީ 2 ޕޮއިންޓެވެ.
ކުއާޓާ ފައިނަލުގައި ކެނެޑާއިން ވާދަކުރާނީ ވެނެޒުއޭލާ, މެކްސިކޯ ނުވަތަ އެކުއޭޑޯއާއެވެ.