ރާއްޖޭގެ މާލީ ޙާލަތައް ރިޢާޔަތްކޮށް ދަޢުލަތުން ކުރަ ޚަރަދުތައް ކުޑަކުރުމަސް ސަރުކާރުން ގެނައި މާލީ އިސްލާހުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
އެގޮތުން އެ ކުންފުނިން ކުރަ ޚަރަދުތައް ކުޑަކުރުމަށް ރޭވިފައިވާ ކަންކަން ހިއްސާކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން އެމްއޭސީއެލުން އެޅުމަށް ނިންމާފައިވާ މުހިއްމު 10 ފިޔަވަޅަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.
އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން ކުރުމަށް ނިންމާފައިވާ ކަންތައްތައް ރައްޔިތުންނަށް އެކަންކަން އަންގައިދިނުން މުހިންމު ކަމަށެވެ.
އަދި އެ ކުންފުނީގެ ނިންމުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ފިޔަވަޅު ކާމިޔާބުވުމަށް ވަރަށް މުހިންމު ނިންމުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން އިބްރާހިމް ޝަރީފް ވިދާޅުވީ، ހަރަދު ކުޑަކުރުމަށް ނިންމި ނަމަވެސް އާޓާމިނަލް ހުޅުވުމަށް އެއްވެސް ހުރަހެއް ނާންނާނެ ކަމަށާއި އަދި މުވައްޒަފުންގެ މުސާރައަށް ނުވަތަ މިހާރު ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ވިސްނުމެއް ވެސް ނުގެންގުޅޭ ކަމަށެވެ.
އެގޮތުން މުވައްޒަފުން ނުކެނޑުމުގެ އިތުރަށް މުވައްޒަފުންގެ މުސާރައަށްވެސް އެއްވެސް ބަދަލެއް ނުގެނައުމަށް އެ ކުންފުނިން ނިންމާފައިވާކަމަށް ވިދާޅުވެ ޝަރީފް ވަނީ އެމްއޭސީއެލްގެ މުވައްޒަފުންނަކީ އެ ކުންފުންޏަށް ވަރަށް މުހިއްމު ބައެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.
ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅުތައް
- ތެލަށް ކުރާ ހަދަރު
- ކޮންސިއުމަބަލްސްއަށް ކުރާ ހަރަދު
- ފެނާއި ކަރަންޓަށް ކުރާ ހަރަދު
- ދަތުރުފަތުރު ކުރުމަށް ކުރާ ހަރަދު
- ކުންފުނީގެ އެތެރޭގެ މަސައްކަތްތަކަށް ކުރާ ހަރަދުތައް
- ބެންކް ޗާޖަސް ރެޑިއުސް ކުރުމަށް ކުރާ ހަރަދުތައް
- ކޮމިއުނިކޭޝަންއަށް ކުރާ ހަރަދުތައް
- އެތެރޭގެ އިންވެންޓްރީއަށް ކުރާ ހަރަދުތައް
- އިވެންޓުތައް ބާއްވަން ކުރާ ހަރަދުތައް
އޭގެ އިތުރުންވެސް އެ ކުންފުނީގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ޓްރޭނިންތަކަށް ފޮނުވުމުގެ ބަދަލުގައި ރާއްޖެއަށް ޓްރޭނަރުން ގެނެސް، މުވައްޒަފުން ޓްރޭން ކުރުމާއި އެ ކުންފުނިން ކުރާ މަތީފަންތީގެ ދަތުރުތައް ކުޑަކުރުންވެސް އެމްއޭސީއެލުގެ ކުރިޔަށް އޮތް ދުވަސްތަކުގައި މަދު ކުރަން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭގެ އިތުރުން، ކުންފުނިން ބާއްވާ އިވެންޓުތަކަށް ކުރާ ހަރަދު ކުޑަކުރަން ނިންމާފައިވާ ކަމަށާއި، ކަރުދާސް މަދުކޮށް ޕޭޕާލެސް ކުންފުންޏަކަށް ވެސް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.