ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އަގު މާދަމާއިން ފެށިގެން ކުޑަކުރަން ނިންމަފިއެވެ.
މިފްކޯއިން ދާދި ދެންމެއަކު ހާމަކޮށްފައިވާ ގޮތުގައި މާދާމާއިން ފެށިގެން މިފްކޯއިން މަސްގަންނާނީ ބާޒާރުގެ އަގަށް ފައްތައިގެންނެވެ.
މިފްކޯއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި މަސްވެރިން އަތުން ގަންނަ މަހަށް ގަވައިދުން އަގު ދެވޭނެ ގޮތަށް މިފްކޯގެ ސިޔާސަތު ބަދަލުކުރަނީ މިހާތަނަށް ނުދެވި ހުރި ފައިސާ ދައްކާ ހަލާކޮށްފަ އެވެ. އެގޮތުން މާދަމާގެ ކުރިން އެ ފައިސާ ދޭނެ ކަމަށް ވެސް ބުންޏެވެ.
މިފްކޯއިން ބުނެފައިވާ ގޮތުގައި އެކުންފުނިން ބައިނަލްއަގްވާމީ ބާޒާރުގައި މަސްވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަތުމަށްފަހު ޕްރޮސެސްކޮށް ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ އެކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެން އަދި ސަރުކާރުގެ އެހީގައި ކަމަށެވެ.
” 1 ޖުލައިގައި ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީއިން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކުރެވިފައެވެ.” މިފްކޯއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.
އެގޮތުން މިކަންކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގައި ކަމަށް މިފްކޯއިން ވަނީ ބުނެފައިވެއެވެ.
އެގޮތުން މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިފްކޯއިން މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް އިޢުލާންކުރާނެ ކަމަށާއި އެކުންފުނީގެ އާމްދަނީ އާއި އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން ކުރިއަށް ގެންދާނެއެވެ.