ކ. މާފުށީ ޖަލުގައި މުޙައްމަދު ޖަމީލް މަރުވެފައި އޮއްވާ ފެނުނު މައްސަލަ ބަލައިދިނުމަށް އެދި ޑިމޮކްރެޓްސްއިން އެޗްއާރްސީއެމްއަށް ހުށަހަޅާފިއެވެ.
ޑިމޮކްރެޓްސްއިން މިއަދު ނެރެފައިވާ ބަޔާނުގައި ކ. މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މުޙައްމަދު ޖަމީލް މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ ކަންކަން ހުރުމުން އެމައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ އަދި ޖަލު ބަލަހައްޓާ އޮފިސަރުން ޖަމީލްއަށް އަނިޔާއެއް ކޮށްފައިވޭތޯ ބަލައިދިނުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ޖަމީލްގެ ހަށިގަނޑުގައި ނޫފައިގަންފައިވާ ތަންތަނާއި އަނިޔާގެ ނިޝާންތައް ކަމަށް ބެލެވޭ ގިނަ ތަންތަން ހުރިކަމަށް އަދި ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވީސްގެ އޮފިސަރުން ޖަމީލަށް އަނިޔާކޮށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު ގިނަ ބަޔަކު ކުރަމުން އަންނަ ކަމަށް ޑިމޮކްރެޓްސްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ޑިމޮކްރެޓްސްއިން ބަޔާންކޮށްފައިވާ ގޮތުގައި މާފުށީ ޖަލުގައި ޖަމީލް މަރުވި މައްސަލައިގައި ޝައްކު އުފެދޭ އެތައް ކަމެއްވާ ކަމަށެވެ.
މީގެ އިތުރުން ބަންދުކޮށްފައި ހުރި މުއްދަތުގައި ބޭސްފަރުވާ ހިމެނޭހެން ގާނޫނުތަކާއި ގަވާއިދުގައި ކަނޑައަޅާފައިވާ ޙައްގުތައް ކަށަވަރުކޮށްދީފައިވޭތޯ ބަލައި މިމައްސަލަ ތަޙުގީގުކޮށްދިނުމަށް ޑިމޮކްރެޓްސްއިން ވަނީ އެޗްއާރްސީއެމްއަށް ހުށަހަޅާފައެވެ.
މިދިޔަ ހުކުރު ދުވަހު މާފުށީ ޖަލުގައި ޖަމީލް ނިޔާވެފައި ވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.
ޖަމީލްގެ ހަށިގަނޑުގައި ނިޝާންތަކެއް ހުރި ފޮޓޯތަކެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، ޖަމީލުގެ ހަށިގަނޑުގައިވާ ނިޝާންތަކަކީ މީހަކު ކުރި ގޯނާއެއްގެ ސަބަބުން ހުރި ނިޝާންތަކެއް ކަމަށް މިހާތަނަށް ކުރި ތަހުގީގުން ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޖަމީލް ނިޔަވި މައްސަލަ އާއި ގުޅިގެން ފުލުހުންނާއި ކަރެކްޝަންސްއިން އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ބުނެފައިވަނީ ޖަމީލްގެ މަރާ ގުޅޭ މައުލޫމާތު ތަހުގީގަށް ލިބެމުން ދިޔަ ވަރަކުން ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކުރަމުންދާނެ ކަމަށެވެ.