ޔޫރޯ 2024 ގެ ރައުންޑް އޮފް 16 ގެ ތިންވަނަ މެޗުގައި ސްލޮވޭކިއާ ބަލިކޮށް އިންގްލެންޑް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މުބާރާތުން ކަޓަން އެންމެ މިނުޓަކަށް ވެފައި އޮއްވާ ބައިސިކަލް ކިކަކުން ޖެހި ރީތި ގޯލަކުން އިންގްލެންޑް ސަލާމަތް ކޮށްދިނީ އެޓީމުގެ ތަރި ޖޫޑް ބެލިންގްހަމް އެވެ. މި މެޗުގައި ސްލޮވޭކިއާ އިން ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ 25 މިނުޓުގައި އައިވަން ޝްރާންޒް ޖެހި ގޯލަކުންނެވެ.
އިންގްލެންޑަށް މެޗު ކާމިޔާބު ކޮށްދިން ގޯލު ޖަހާފައިވަނީ އިތުރު ވަގުތުގެ ކުޅުން ފަށައިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި އެޓީމުގެ ކެޕްޓަން ހެރީ ކޭން އެވެ. އޭނާ ބޮލުން ޖަހައި ވައްދާލި މިގޯލަކީ މި މުބާރާތުގައި އޭނާ ޖަހައިދިން ދެވަނަ ގޯލެވެ. އަދި މިއީ ޔޫރޯގެ ތާރީޚުގައިވެސް އިތުރު ވަގުތުގެ ކުޅުމުގައި ޖެހި އެންމެ އަވަސް ގޯލެވެ. އެގޯލު ޖަހާފައިވަނީ އިތުރު ވަގުތު ފަށައިގެން އެންމެ 50 ސިކުންތު ފަހުންނެވެ.
މި މެޗުން އިންގްލެންޑް މޮޅުވެފައިވީ ނަމަވެސް މި މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ފަދައިން މި މެޗުގައިވެސް އެޓީމަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވެއެވެ. މެޗުގެ 95 ވަނަ މިނުޓުގައި ބެލިންގްހަމް ޖެހި ގޯލަކީ އިންގްލެންޑުން މުޅި މެޗުގައިވެސް ގޯލަށް އަމާޒުވި ފުރަތަމަ ޝޮޓެވެ. މުބާރާތުގެ އެންމެ ވަރުގަދަ އެޓޭކިން ސްކޮޑަކާ އެއްކޮށް އައި އިންގްލެންޑު ޓީމުން އެއްވެސް މެޗެއްގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވުމުން އެޓީމުގެ ސަޕޯޓަރުންގެ ފަރާތުން ވަރަށް ގިނަ ފާޑުކިޔުންތަކާ ކުރިމަތިވެފައިވެއެވެ.
ކުއާޓާ ފައިނަލުގައި އިންގްލެންޑު ކުޅޭނީ ރައުންޑް އޮފް 16 ގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކަޓުވާލި ސްވިޒަލެންޑު ޓީމާއި ދެކޮޅަށެވެ.