-Advertisement-

-Advertisement-

ޖޯޖިއާ ބަލިކޮށް ސްޕެއިން ތައްޓާ ދިމާލަށް, ކުއާޓާގައި ވާދަކުރާނީ ޖަރުމަން އާއި!

ޔޫރޯ 2024 ރައުންޑް އޮފް 16 ގެ ހަތަރުވަނަ މެޗުގައި ފަހަތުން އަރައި ފަސޭހަ ކަމާއެކު ޖޯޖިއާ ބަލިކޮށް ކުއާޓާ ފައިނަލުގެ ޖާގަ ސްޕެއިން އިން ކަށަވަރުކޮށްފިއެވެ.

މުޅި މުބާރާތުގައި ވެސް އެންމެ ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ސްޕެއިން ޓީމު މި މެޗުން މޮޅުވެފައިވަނީ 4-1 ގެ ނަތީއްޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ގޯލު ޖޯޖިއާއިން ކާމިޔާބު ކޮށްފައިވާއިރު އެއީ މި މުބާރާތުގައި ސްޕެއިންގެ ގޯލަށް ވައްދާލި ފުރަތަމަ ގޯލެވެ. އެގޯލަކީ މެޗުގެ 18 ވަނަ މިނުޓުގައި ސްޕެއިންގެ ލެ ނޯމަންޑް ބައިކޮޅަށް ވައްދާލި ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނުން ވަނީ ގޯލެއް ޖަހައި ނަތީއްޖާ ހަމަހަމަ ކޮށްފައެވެ. އެގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މެންޗެސްޓާ ސިޓީގެ މެދުތެރެޔަށް ކުޅޭ ރޮޑްރީއެވެ. ދެވަނަ ހާފުގައި ސްޕެއިން ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އިތުރު 3 ގޯލު ޖަހާފައިވެއެވެ. އެ ތިން ގޯލު ކާމިޔާބު ކޮށްދިނީ ފެބިއަން ރުއީޒް, ނިކޯ ވިލިއަމްސް އަދި ޑެނީ އޮލްމޯ އެވެ.

މި ނަތީއްޖާ އާއެކު ސްޕެއިން ޓީމުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ކުއާޓާގައި ބައްދަލުކުރާނީ ދެވަނައަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މިއަހަރުގެ ހޯސްޓް ޖަރުމަން ޓީމާއެވެ. ސްޕެއިން އަދި ޖަރުމަން ބައްދަލު ކުރާ މެޗަކީ މިހާތަނަށް މި މުބާރާތުގައި ފެނިގެންދާނެ އެންމެ ވަރުގަދަ މެޗަށް ވާނެ ކަމަށް ބެލެވެއެވެ.

ސްޕެއިން އަދި ޖަރުމަން ކުޅޭ ކުއާޓާ ފައިނަލްގެ މެޗު އޮންނާނީ 5 ޖުލައި ވާ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 9 ޖަހާއިރުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-