މަސްވެރިންނަށް ޖަމާނުކުރެވި ހުރި ހުރިހާ ފައިސާއެއް މިއަދު ދައްކާނެކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން މިހެން ބުނެފައި ވަނީ އިއްޔެ ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހޭ ފައިސާ ސަރުކާރާ ގުޅިގެން ދެއްކުމުގެ މަސައްކަތް މިފްކޯއިން ދަނީ ކުރަމުންނެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި އެ ފައިސާ ދެއްކުމުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު 353 މިލިއަން ރުފިޔާއަށް އަރާނެއެވެ. އޭގެ އިތުރުން އެ ކުންފުންޏަށް ލިބޭ އާމްދަނީން މަސްވެރިން ކިރާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން މިހާތަނަށް މަސް ގަންނަމުން އައީ ބާޒާރުގައި ވިއްކާ އަގަށް ނުބަލައި ސަރުކާރުން ކަނޑައަޅާ އަގަކަށެވެ. ނަމަވެސް މިފްކޯއިން އިއްޔެ ވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ހުރި ރޭޓަށް މަސް ގަންނަން ވެސް ނިންމައިފައެވެ. އެގޮތަށް ކަނޑައަޅާ އަގެއް ކޮންމެ ހަފްތާއަކު އިއުލާނު ކުރާނެކަމަށް މިފްކޯއިން ބުންޏެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ ސަރުކާރުން ވަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ އަދަދު 20ރ. އަށް ކުޑަކޮށްފައެވެ.
މަސްވެރިންނަށް މިހާރު ނުދެވި ހުރީ އެއް މަހާއި 14 ދުވަހުގެ ފައިސާކަމަށާއި އެއީ 52.6 މިލިއަން ރުފިޔާކަމަށް ވެސް މިފްކޯއިން ބުނެއެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން އެކި ދުވަސްތަކުގެ މަތިން މަސްވެރިން ވަނީ މުޒާހަރާ ކޮށްފައެވެ.