މާލޭގައި ގޭންގަކުން ހިންގި މާރާމާރީގެ މައްސަލައެއްގައި ތަޙުޤީޤަށް ބޭނުންވާ މުހިންމު ވީޑިއޯ ފުޓޭޖްތަކެއް ފުލުހުންގެ އަތުން ގެއްލުމުގެ ސަބަބުން އެ މައްސަލައިގައި ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެއެވެ.
އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ކޯރާޑިއަކުން ހަމަލާދިންކަމުގެ ކުށުގެ ދައުވާއެވެ. މި ހާދިސާ ހިނގާފައިވަނީ ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ކެފޭއެއްގައެވެ. ޖުންލަ 4 މީހުން ހިމެނޭހެން ހަމަލާ ދިން މީހުންގެ ޓީމުން ވަނީ އޭނާގެ ބޮލަށާއި ބުރަކަށްޓަށް ކޯރާޑިއަކާއި އެ ނޫން ވެސް ތޫނު އެއްޗެހިން ހަމަލާދީފައެވެ.
އޭގެ ތެރެއިން 2 މީހެއްގެ މައްޗަށް ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައިވެއެވެ. އަދި އެކެއްގެ މައްޗަށް އެ ކަމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވާ އިރު އެކެއްގެ މައްޗަށް މާރާމާރީ ހިންގަން އުޅުމުގެ ދައުވާ އުފުލާފައިވެއެވެ. އަދި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ އިތުރު ދައުވާއެއް އޭގެ ތެރެއިން ތިން މީހެއްގެ މައްޗަށް އުފުލާފައިވެއެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ އެ މައްސަލައިގައި ލިބިފައިވާ އެންމެ މުހިންމު ހެތްކަކީ އެ ސަރަހައްދުގައި ހުރި ފުލުހުންގެ ކެމެރާތަކުގެ ވީޑިއޯ ފުޓޭޖްތައްކަމަށް ބުނެފައެވެ. އެގޮތުން ހަމަލާ ދިނުމަށްފަހު އެ ތަނަށް މީހުން ދިޔަ މަންޒަރާއި، ހަމަލާ ދިނުމަށްފަހު ހަތިޔާރު ހިފައިގެން އެ ތަނުން ނިކުންނަ މަންޒަރު ވެސް އެ ފުޓޭޖްތަކުން ފެންނަކަމަށް ފުލުހުން ބުނެފައިވާކަމަށް ކްރިމިނަލް ކޯޓުން ހާމަކުރެއެވެ. ނަމަވެސް ފުލުހުންގެ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ ވީޑިއޯ ފުޓޭޖްތައް ގެއްލިފައިވާކަމަށް ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގައިވާކަމަށް އެ ހުކުމުގައިވެއެވެ.
ހުކުމުގައިވާ ގޮތުން ފުޓޭޖްތަކުގެ ބެކަޕް ނެގުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއްކަމަށް ބުނެ، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ވީޑިއޯ ކޮމްޕެރިސަން ފުލުހުން ހަދާފައެއް ނުވެއެވެ. އަދި އެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިން ކޯޓަށް ހާޒިރުކުރަން ގިނަ ފުރުސަތުތަކެއް ދިން ނަމަވެސް އެ މީހުން ހާޒިރު ނުކުރެވޭތީ އެ މީހުންގެ ހެކިބަސް ލިބިފައިނުވާކަމަށް ހުކުމުގައިވެއެވެ. އެހެންކަމުން ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅީކަމުގައި ބުނެފައިވެއެވެ.