ސިހުރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމްގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފިއެވެ.
ޝަމްނާޒް އަދި އޭނާގެ ކޮއްކޮ ހައްވާ ގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން އެމީހުން ވަނީ އިތުރު ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު އެދެމީހުން ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުންވެސް އެމީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވެއެވެ.
އެ މައްސަލައިގައި ދެން ހައްޔަރުކުރި ހދ. ވައިކަރަދޫ، ހުސެއިން ސަމީރުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން މިއަދު ވަނީ އޭނާ ބަންދުން ދޫކޮށްލައިފަ އެވެ.
ސިހުރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝަމްނާޒްއަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އަދި މިދެބޭފުޅުން ވަރިވެފައި ވަނީ ދާދި ފަހުންނެވެ. ޝަމްނާޒްގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލައިގައި ރަމީޒު ވަޒީރުގެ މަގާމުން ސަސްޕެންޑް ކޮށްފައިވީ ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތެވެ.