ސިހުރުގެ އެއްވެސް މައްސަލައެއް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާއިން ދިވެހި ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އާއި އިތުރު 2 މީހަކު ބައިވެރިވެގެން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާއަށް ސިހުރު ހެދި މައްސަލައަކާއި ގުޅުވައިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާ މެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތަކެއް ކަމަށްވެސް ހީނާ ހާމަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާއަށް ސިހުރު ހެދުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ އިދާރާއިން ތަޙްޤީޤްކުރަމުންދާއިރު، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާންވެސް ވަނީ އެކްސް މެދުވެރިކޮށް ރައީސް ގެ އާއިލާއިން ސިހުރުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް މީސްމީޑިޔާގައި ދެކެވެމުން ދާ ވާހަކަތައް ދޮގު ކުރައްވާފައެވެ.