-Advertisement-

-Advertisement-

ކުރި ގޯސް އިޝާރާތަކުން ބެލިންހަމް ހޫނު ފެނަށް, މައްސަލަ ޔުއެފާއިން ބަލަނީ

އާދިއްތަ ދުވަހުގެ ރޭ އިންގްލެންޑްގެ ޖޫަޑް ބެލިންހަމް ފަހު ވަގުތުގައި ޖެހި ގޯލާގެ އުފާ ފާޅުކުރުންތަކުގެ ތެރޭގައި ސްލޮވޭކިއާގެ ބެންޗާއި ދިމާލަށް ކުރި ގޯސް އިޝާރާތެއްގެ މައްސަލަ ބޮޑުވެ ޔުއެފާއިން ބަލަން ފައްޓައިފިއެވެ.

ހޯމަ ދުވަހު ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންގްލެންޑުގެ ބެލިންހަމް ކުރި އިޝާރާތަކާއި ޔުއެފާގެ އަޚްލާޤީ ކަންތައްތަކާ ބެހޭ ކޮމިޓީން ބަލަން ފައްޓާފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ބެލިންހަމް ‘އެކްސް’ (ކުރީގެ ޓްވިޓާ) ގައި ލިޔުނު ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އެ އިޝާރާތްކޮށްފައިވަނީ ސްލޮވޭކިއާގެ ބެންޗާ ދިމާލަށް ނޫން ކަމަށެވެ. އެ އިޝާރާތް ކޮށްފައިވަނީ މެޗު ބަލަން ގޮސް ތިބި އޭނާގެ ބައެއް ގާތް ރަހުމަތްތެރިންނާ ދިމާލަށް ކަމަށެވެ.

މީގެ ކުރިންވެސް ބައެއް ކުޅުންތެރިންގެ ފަރާތުން މިކަހަލަ ގޯސް އިޝާރާތްތަށް ފެނިގެން ގޮސްފައިވާއިރު އެކަމުގެ ސަބަބުން އެއްވެސް ކުޅުންތެރިޔަކު އެއްވެސް މެޗަކަށް ސަސްޕެންޑް ކޮށްފައި ނުވެއެވެ. އެހެންކަމުން ދެން އިންގްލެންޑް ކުޅޭ މެޗަކުން ބެލިންހަމް ސަސްޕެންޑުވެ ނުފެނިދާނެ ކަމުގެ މާބޮޑު ކަންބޮޑުވުމެއް ނެތެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ކުޅުނު ދުވަސްވަރު އޭނާގެ ފަރާތުން މިފަދަ އަމަލެއް ފެނިގެން ގޮސްފައިވާއިރު, އެކަމުގެ ސަބަބުން އޭނާއަށް ޔުއެފާއިން ދީފައިވަނީ 20,000 ޔޫރޯގެ ޖޫރިމަނާއެއް އެކަންޏެވެ.

ޔޫރޯ 2024 ގެ ގަދަ 16 ގެ މެޗުގައި ސްލޮވޭކިއާ އަތުން އިންގްލެންޑް ކަޓަން އެންމެ މިނުޓަކަށް ވެފައިވަނިކޮށް އެއްވަރުކޮށް އިތުރު ވަގުތަށް ގެންދިޔައީ ބެލިންހަމް ޖެހި ރީތި ގޯލަކުންނެވެ, އަދި އިތުރު ވަގުތު ފަށައި ކުޑަ އިރުކޮޅެއް ތެރޭގައި ހެރީ ކޭން ޖެހި ގޯލަކާއެކު އިންގްލެންޑް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

ޔޫރޯގެ ކުއާޓާ ފައިނަލުގައި މިއަންނަ ހޮނިހިރު ދުވަހުގެ ރޭ އިންގްލެންޑް ބައްދަލުކުރާނީ ސްވިޒަލެންޑާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-