މިދިޔަ އަހަރު 11 މީހަކަށް ރާއްޖޭގެ ރަށްވެހިކަން ދީފައިވާ ކަމަށް ހާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގައި ރާއްޖޭގެ ރަށްވެހިކަން ޝިޕް ހޯދުމަށް 16 މީހަކު ހުށަހެޅި ކަމަށާއި 11 މީހަކަށް ރާއްޖޭގެ ރަށްވެހިކަން ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާރިޖީ ވުޒާރާގެ ބޭފުޅުން ހާޒިރުކޮށް ވާހަކަދައްވަމުން އެ ވުޒާރާގެ ޑިރެކްޓާ ޖެނެރަލް އިސްމާއިލް މަމްދޫހު ވިދާޅުވިއެވެ.
އެގޮތުން މިދިޔަ އަހަރު ރާއްޖޭގެ ރަށްވެހިކަން ދީފައިވަނީ އެރިޓްރިއާ މީހަކަށާއި ފަލަސްތީނު މީހަކަށާއި އިންޑިއާ ތިން މީހުންގެ އިތުރުން ސްރީލަންކާގެ ފަސް މީހަކަށެވެ.
ހާރިޖީ ވުޒާރާގެ ޑިރެކްޓާރ މަމްދޫހު ވިދާޅުވި ގޮތުގައި ރަށްވެހިކަމުގެ ގާނޫނަކީ ދުވަސްވީ ގާނޫނަކަށްވުމުން އެހާ ގިނަ ތަފްސީލްތަކެއް އެ ގާނޫނުގައި ބަޔާން ކޮށްފައި ނުވާ ކަމަށެވެ. އެގޮތުން 1969 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރަށްވެހިކަން މިހާތަނަށް 33 މީހަކަށް ދީފައިވާއިރު، ރަށްވެހިކަން ދިނުމުގައި އެ މީހަކު ސުންނީ މުސްލިމެއްތޯ އާއި ގާނޫނުއަސާސީ އާއި ގާނޫނުތައް އެނގޭ މިންވަރާއި އަސާސީ ތައުލީމްގެ ފެންވަރާއި ދިވެހި ބަހުން ލިޔެކިޔުމުގެ ފެންވަރު ބަލާފައިވާ ކަމަށެވެ.