މަސްވެރިންނަށް ދޭން ޖެހޭ 53 މިލިއަން ރުފިޔާ ޖަމާކޮށްދީފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދައްކަންޖެހޭ 53 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާވާން ފަށާފައިވާ ކަމަށާއި މިހާރު އެއްވެސް ފައިސާއެއް ނުދައްކާ ނުހުންނާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފައިވެއެވެ.
މަސްވެރިންނަށް ފައިސާ ދިނުން ލަސްވުމާއި ގުޅިގެން މަސްވެރިން މުޒާހަރާ ކޮށްފައިވާއިރު، މިފްކޯއަށް ކިރާ މަހަށް މީގެ ފަހުން 2 ހަފްތާ ތެރޭ ފައިސާ ދޫ ކުރެވޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ މިފްކޯ ހިންގުން ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރި ކަމުގެ ސިނާއަތުގެ ކަންކަން ކުރުމަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށާއި މަސްކިރާތާ ދެ ހަފްތާ ތެރޭ މަސްވެރިންނަށް ފައިސާ ދެވޭނެ ކަމަށެވެ.
މީގެ އިތުރުން މިމަހު 1 ވަނަ ދުވަހުން ފެށިގެން މަސްވެރިން ބާނާ މަހަށް ފައިސާ ލިބޭނެ ކަމަށާއި މަސް ގަންނަމުން ދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓު ކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށް މިފްކޯއިން ވަނީ ކަނޑައަޅުއްވާފައެވެ.
އަދި މިއަގު ކޮންމެ ހަފުތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާން ކުރަމުން ދާނެ ކަމަށާއި މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތް ނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓު ކުރަމުން ދިއުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މިފްކޯގެ މާލީ ހާލަތާއި ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިފްކޯގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މިވަގުތަށް ބޭނުންވާ ހަކަތައާއި ގާބިލްކަން ކުންފުނީގައި އެބަހުރި ކަމަށެވެ.
އެހެންނަމަވެސް ދަރަނީގައި ކުންފުނި އެތައް އަހަރެއް ވަންދެން ހިންގުމުގެ ސަބަބުންނާއި، ކުންފުނި މާލީގޮތުން ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހޭ ގޮތަށް ބައްޓަންކޮށްފައި އޮތުމުގެ ސަބަބުން ކުންފުނި އޮތީ މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައި ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކުންފުނީގެ މިސްރާބު ބަދަލުކުރަން ޖެހިފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.