މަޖީދިއްޔާ ސްކޫލުކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވަގަށް ކޭބަލެއް ބުރިކޮށްލުމާއި ގުޅިގެން އެ ސަރަހައްދުން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓްލްކޯއިން ބުނެފައިވަނީ، އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންގޮއްސައިވާކަމަށާއި އެ ކޭބަލް ބުރިކޮށްލުމުގެ ސަބަބުން އެ ހިސާބުގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް ކެނޑިފައިވާކަމަށެވެ.
އެގޮތުން ކަރަންޓް ކެނޑިފައިވަނީ، މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުންނެވެ.
އަދި އައު ކޭބަލެއް އަޅައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމުގައިވެސް ސްޓެލްކޯއިން ބުނެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިއަަދު ހެނދުނު 6:12 ހާއިރު މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް އެތަކެތި ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މައްސަލަ ފުލުހުންގެ އިދާރާއިން އިތުރަށް ތަހުގީގު ކުރަމުން އަންނަކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.
މާލޭގައި ވައްކަމާއި ފޭރުންތައް އިތުރުވެ މި ފަހަކަށް އައިސް ކަރަނޓް ކޭބަލްތައް ބުރިކޮށް ވަގަށް ނަގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.