-Advertisement-

-Advertisement-

އެމެރިކާ ކަޓުވާލުމަށްފަހު އުރުގުއާއި ކޮޕާ އެމެރިކާގެ ކުއާޓާއަށް!

ކޮޕާ އެމެރިކާގެ ގްރޫޕް ސީގައި ކުޅުނު ފަހު މެޗުން މިއަހަރުގެ މުބާރާތް ހޯސްޓު ކުރާ ގައުމުކަމަށްވާ އެމެރިކާ ބަލިކޮށް އުރުގުއާއި އިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މެޗު އުރުގުއާއި އިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީއްޖާއަކުންނެވެ.

އަންގާރަ ދުވަހުގެ ރޭ އެމެރިކާގެ ކަންސާސްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. ދެޓީމަށްވެސް ގޯލު ޖަހާނެ މާގިނަ ފުރުސަތު ތަކެއް އުފެއްދިފައިނުވާ އިރު އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ އުރުގުއާއި ގެ ފޯވާޑު ޑާވިން ނުނޭޒް އަށެވެ. ކްރިސްޓިއަން އޮލިވިއޭރާ ނަގައިދިން ކްރޮސަކުން ނުނޭޒް ފޮނުވާލި ބޯޅަަ ގޯލަށް އަމާޒުވެފައި ނުވެއެވެ.

މެޗުގެ ދެވަނަ ފަށައިގެން 66 ވަނަ މިނުޓުގައި އުރުގާއި އިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ މަތިޔާސް އޮލިވިއޭރާއެވެ. އެ ގޯލަށް ފަހު އެމެރިކާއިން އެއްވަރު ކުރުމަށް ވަރަށް ގިނަ ކުޅުންތެރިން ކުރިޔަށް އަރުވައި މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ކުރެވިފައި ނުވެއެވެ. އުރުގުއާއި އިން އެޓީމުގެ 1 ގޯލު ލީޑު ދިފާއުކޮށް މެޗު ނިންމާލާފައިވެއެވެ.

މި ނަތީއްޖާއާއެކު އެމެރިކާ ޓީމުން މުބާރާތައް އަލްވަދާއު ކިޔާފައިވާއިރު ކުއާޓާ ފައިނަލުގައި އުރުގާއި ބައްދަލު ކުރަން ޖެހޭނީ މާދަމާ ކުޅޭ ގްރޫޕް ޑީ ގެ މެޗުތަކަށް ފަހު އެގްރޫޕުގެ ދެވަނާގައި ނިންމާ ޓީމަކާއެވެ. އެގްރޫޕުގެ ދެވަނާގައި ނިންމުމުގެ ފުރުސަތު އޮތީ ބްރަޒިލް, ކޮލަމްބިއާ ނުވަތަ ކޮސްޓަރިކާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-