-Advertisement-

-Advertisement-

37 މީހުންނަށް އައިވީއެފް އަދި އައިޔޫއައި ހަދަން އެހީ ދޭން ނިންމައިފި

ފޮޓޯ: އަވަސް.އެމްވީ

އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައި ހަދަން ހުޅުވާލި ފުރަތަމަ ބުރުގައި 153 މީހުން އެހީއަށް އެދިފައިވާއިރު، ޝަރުތު ހަމަވި 37 އަށް އެހީ ދޭން ނިންމައިފިއެވެ.

ސަރުކާރުގެ ހަރަދުގައި، އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް އަދި އައިޔޫއައި ހަދަން އަލަށް ހުޅުވާލި ފުރަތަމަ ބުރުގައި، އެދުނު 153 މީހުންގެ ތެރެއިން ޝަރުތު ހަމަވި 37 މީހަކު ކަނޑައަޅައި އެހީ ދޭން ނިންމައިފި އެވެ.

ގުދުރަތީގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ވައުދެކަށްވާއިރު، އެވައުދާ އެއްގޮތަށް އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެހީއަށް އެދުމުގެ ފުރުސަތު މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ.

މުއްދަތު ހަމަވިއިރު އެހީއަށް އެދި 153 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ކަނޑައެޅި ޝަރުތުހަމަވީ 37 މީހުން ކަމަށާއި ފުރަތަމަ ބުރުގައި އެ މީހުންނަށް އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

އެންސްޕާއިން ބުނެފައިވާ ގޮތުގައި ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ މީހުންނަށް މި މަހުގެ 30 ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭން ވަނީ ނިންމާފައިވާ ކަމަށާއި މިހާރު ލިޔެކިޔުން ހަމަކޮށް ހުށަހަޅާފައި ނުވާ މީހުންނާއި އަލަށް އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް މި މަހުގެ ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން އެހީއަށް އެދިފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ހާލަތުބަދަލުވެފައިވާ މީހުންނަށް ވެސް މި މަހުގެ ނިޔަލަށް އެހީއަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.

ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް މިއަހަރު އައިވީއެފް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް އަދި އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފްގެ ފަރުވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ހެދޭނެ ކަމަށް އެންސްޕާއިން ހާމަކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-