-Advertisement-

-Advertisement-

19 އަހަރުގެ އާރްދާ ގުލާ ތުރުކިޔޭ ގޮވައިގެން ކުއާޓާއަށް!

ޔޫރޯ 2024 ގެ ގަދަ 16 ވަނަ ބުރުގައި އޮސްޓްރިއާ އަދި ތުރުކިޔޭ ބައްދަލު ކުރި މެޗުން އޮސްޓްރިއާގެ މައްޗަށް ކުރިހޯދައި ތުރުކިޔޭ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ތުރުކިޔޭ މޮޅުވެފައިވަނީ 2-1 ގެ ނަތީއްޖާ އަކުންނެވެ.

މި މެޗުގައި ރެއާލް މެޑްރިޑުގެ ޒުވާން ތަރި އާރްދާ ގުލާ މޮޅު ކުޅުމެއް ދައްކާފައިވާ އިރު ތުރުކިޔޭ އިން މި މެޗުގައި ޖެހި ދެގޯލަށް ވެސް އެސިސްޓު ކޮށްދިނީ އޭނާއެވެ. މި ދެގޯލުވެސް ޖަހާފައިވަނީ މެރިހް ޑެމިރާލް އެވެ. މި ދެ އެސިސްޓާ އެކު އަރްދާ ގުލާ އަކީ ޔޫރޯގެ ތާރީހުގައި އެއް މުބާރާތެއްގައި ގޯލެއް ޖަހައި އަދި އެސިސްޓު ވެސް ކުރި ފުރާވަރު އުމުރު ފުރާގެ 3 ވަނަ ކުޅުންތެރިޔާއެވެ. ފުރަތަމަ 2 ކުޅުންތެރިންނަކީ 2004 ވަނަ އަހަރުގެ ޔޫރޯގައި ގޯލު ޖަހައި އެސިސްޓު ކުރި ޒުވާން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ވޭން ރޫނީއެވެ.

މި މެޗަށް ނުކުތް އިރު ފެވަރިޓްސްގެ ގޮތުގައި އޮތީ މިހާތަނަށް މި މުބާރާތުގެ މޮޅު ކުޅުމެއް ދައްކާފައިވާ އޮސްޓްރިއާ ޓީމެވެ. ފެވަރިޓްސްގެ ގޮތުގައި ގިނަ ބަޔަކަށް ގަބޫލުކުރެވުނު ސަބަބަކީ މިއަހަރުގެ މާޗު މަހުގައި މި ދެޓީމު ބައްދަލު ކުރި މެޗުން 6-1 ގެ ނަތީއްޖާއަކުން އޮސްޓްރިއާ މޮޅުވެފައި އޮތުމެވެ. ތުރުކިޔޭގެ ކޯޗު މޮންޓެލާ ބުނެފައިވަނީ މި މެޗަށް އެ ޓީމު ނުކުތީ މާޗު މަހުގައި ކުޅުނު މެޗުގެ ބަދަލު ހިފުމަށް ކަމަށެވެ.

މެޗު ފަށައިގެން އެންމެ 57 ސިކުންތުގައި ތުރުކިޔޭ އިން ގޯލެއް ޖަހައި ލީޑު ނަގާފައިވާއިރު އެއީ ޔޫރޯ ތާރީހުގައި ނޮކްއައުޓް ސްޓޭޖުގެ އެންމެ އަވަސް ގޯލެވެ. ނަތީއްޖާ ހަމަހަމަ ކުރުމަށް އޮސްޓްރިއާ އިން ގިނަ ފުރުސަތުތަކެއް އުފައްދާފައިވީ ނަމަވެސް އެއްވެސް ފުރުސަތެއްގެ ބޭނުން ހިފިފައި ނުވެއެވެ. މެޗުގެ 59 ވަނަ މިނުޓުގައި އާރްދާ ނަގައިދިން ބޯޅައަކުން ޑެމިރާލް ތުރުކިޔޭގެ ލީޑު ފުޅާ ކޮށްދިން އިރު އޮސްޓްރިއާ އިން ފަސް މިނުޓު ފަހުން ގޯލެއް ޖަހައި އުއްމީދު އާކޮށްފައިވެއެވެ. މެޗުގެ ފަހު ވަގުތު އޮސްޓްރިއާ އިން ގޯލަށް ފޮނުވާނި ބޯޅަ އާދަޔާ ޚިލާފަށް މޮޅު ގޮތަކަށް ތުރުކިޔޭގެ ކީޕަރު ގުނޮކް ވަނީ ސޭވް ކޮށްފައެވެ.

މި ނަތީއްޖާއާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ތުރުކިޔޭ ދަތުރުކޮށްފައިވާއިރު ކުއާޓާގައި ބައްދަލުކުރާނީ ނެދަލެންޑްސް ޓީމާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-