ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުންގެ ޙާލު ބެލުމާއި ދިރިއުޅުމުގެ ހާލަތު ބެލުމަށްޓަކައި މި ސަރުކާރުން ކުރިއަށް ގެންދާ “ޙާލު ކިހިނެއް؟” ޕްރޮގްރާމުގެ ދަށުން 1000 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތްކޮށްފިއެވެ.
މި ޕްރޮގްރާމްގެ އަދާހަމަތައް ހިއްސާ ކުރަމުން މި ޕްރޮގްރާމް ވިލަރެސް ކުރާ، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، “ޙާލު ކިހިނެއް؟” ޕްރޮގްރާމުގެ ދަށުން މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 1015 ގެއަށް ޒިޔާރަތްކޮށްފައި ވާކަމަށެވެ.
އެގޮތުން މިހާތަނަށް ޒިޔާރަތްކުރެވުނު ގެތަކުން އެންމެ ބޮޑު ކަނބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރެވުނީ، ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިތައް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ހޮސްޕިޓަލަށް ގެންދިއުމުގައި ދިމާވާ ދަތިތައް ފާހަގަކޮށްފައިވާކަން އެ ވުޒާރާއިން ބުނެއެވެ.
“ޙާލު ކިހިނެއް؟” ޕްރޮގްރާމުގެ ދަށުން ގޭގެޔަށް ކުރި ޒިޔާރަތުން ފާހަގަވި އިތުރު ކަންކަން
- އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލަ
- ގިނަ އާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމުން ދިމާވާ ދަތިތައް
- އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ވަޒީފާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ދިމާވާ ދަތިތައް
މީގެ އިތުރުން އެ ވުޒާރާއިން ވިދާޅުވީ، މިޕްރޮގްރާމްގެ ދަށުން ދެނެގަނެވޭ މިފަދަ މައްސަލަތައް ޙައްލުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ގާތުން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވެސް މަސައްކަތްކުރަމުން ގެންދާކަމަށެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ “ޙާލު ކިހިނެއް؟” ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ގާއިމްކުރުމަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެ މީހުންގެ ހާލު ބެލުމަށް ހިންގާ ޕްރޮގްރާމެކެވެ.