-Advertisement-

-Advertisement-

ޔުނިވަރސިޓީއަކަށް ބަދަލުކުރެވޭ މުއްދަތު 15 އަހަރަށް ކުޑަކުރަނީ

އިސްލާމީ ޔުނިވަރސިޓީ

ރާއްޖޭގައި ހިންގާ ކޮލެޖްތައް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށްޓަކައި މެދު ނުކެނޑި ހިންގަންޖެހޭ މުއްދަތު ކުޑަކުރުމަށް މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.

އެގޮތުން  ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 20 އަހަރު ވުމުން އެ ކޮލެޖެއް ޔުނިވަރސިޓީއަށް ބަދަލުކުރެވޭ ގޮތަށް މިހާރު އޮތް މަތީ ތައުލީމާއި ތަމްރީންގެ ގާނޫނުގެ މުއްދަތު 15 އަހަރަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ)އެވެ.

މީގެ އިތުރުން މި އިސްލާހުގައި ވާގޮތުން މަތީ ތައުލީމް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ކޮލެޖެއް ޔުނިވަސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި އާޓްސް އެންޑް ހިއުމަނިޓީޒް އާއި އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ އާއި ލައިފް ސައިންސް އެންޑް މެޑިސިން އާއި ނެޗުރަލް ސައިންސާއި ސޯޝަލް ސައިންސް ފަދަ ދާއިރާތަކުގެ ތެރެއިން ލެވެލް ހަތެއް އަދި ނުވައެއްގެ މަދުވެގެން ތިން ދާއިރާއަކުން އަމިއްލަ ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ކޮލެޖުގައި ހިންގަން ޖެހެއެވެ.

އަދި ލެވެލް ހަތަކުން ފެށިގެން މަތީ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން އެ ކޮލެޖެއްގައި ކިޔަވަމުން ދާން ޖެހޭނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ.

ހަމައެއާއެކު، އެ ކޮލެޖަކީ، ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއްގައި ބައިވެރިވެ ރޭޓް ކޮށްފައިވާ ކޮލެޖަކަށްވެސް ވާންޖެހެއެވެ. ނުވަތަ އެފަދަ ރޭޓިންއެއްގެ ދަރަޖަ ކޮށްފައިވާ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ ފަސް އަހަރުގެ ތަޖުރިބާ ލިބެން ޖެހެއެވެ.

މީގެ އިތުރުންވެސް ޔުނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި އަދި ބައިނަލްއަގުވާމީ ކޮލިޓީ އެޝޫރަންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކުރަން ޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.

އިސްލާހުގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ރިސާޗް މަސައްކަތްތައް ބޭރުގެ ޔުނިވާސިޓީތަކާ އެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށާއި ކޮލެޖްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ މަދުވެގެން %10 އަކީ ޕީއެޗްޑީ ހާސިލް ކޮށްފައިވާ މުވައްޒަފުންނަށް ވާން ޖެހޭ ކަމަށެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-