އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި ފުލުހުންގެ ދައުރު ބޮޑުކަމަށާއި އޭގެ ނަތީޖާ ނުފެންނަނީ ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުންކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝުޖާއު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ބެލިކަމުގައި ވިޔަސް މުޅި މައްސަލަ ހައްލު ކުރެވެން އޮތީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން މަސައްކަތް ކޮށްގެންކަމަށެވެ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ހާލަތަށް ބަލައި ޤާނޫނުތަކަށް އިސްލާހުތައް ގެންނަން ޖެހޭކަމަށެވެ. އެގޮތުން ޓްރެފިކާ ގުޅުން ހުރި މައްސަލަތަކަށް ސުޖާއު ވަނީ އަލިއަޅުވާލާފައެވެ. ޓްރެފިކްގެ މައްސަލަތަކުގައި ވެސް ނިޒާމުގެ ތެރޭގައި ހުރި ބައެއް މައްސަލަތަކުގެ ސަބަބުން ހައްލު ނުހޯދޭ މަންޒަރު ފެންނަކަމަށް ޝުޖާއު ވިދާޅުވިއެވެ. ކޮންމެ ރެއަކު ފުލުހުން ނިކުމެ ނުގަވައިދުން ހުންނަ ވެހިކަލްތައް ޓޯ ކުރަމުން އަންނަ ކަމަށާއި އެކަން ކުރަމުން އަންނަނީ ވެސް އެފްއޭއެމްގެ ދަނޑެއް ނަގައިގެންކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންނަކީ ޕޮލިސީ ކަނޑައަޅަން ތިބޭ ބައެއް ނޫންކަމަށާއި އެއީ ތަންފީޒު ކުރަން ތިބޭ ބައެއްކަމަށް ޝުޖާއުގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.