ވިހެއުމަށްފަހު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލާގައި ޑީއެންއޭ ރިޕޯޓް ހުށަހަޅަން އެންމެ ފަހުގެ ފުރުސަތު މިއަދު ކްރިމިނަލް ކޯޓުން ދީފި އެވެ.
މިމައްސަލައަކީ ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް އދ. ދިގުރަށުގައި މިދިއަހަރުގެ ޑިސެމްބަރު މަހު ތުއްތު ކުއްޖަކު ވިހެއުމަށްފަހު ކޮތަޅަކަށް ލާފައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރާ މައްސަލައެކެވެ.
ދައުވާލިބޭ ފަރާތް ކަމުގައިވާ ހިރަންޏާ ހައްޔަރުކޮށްފައިވަނީ ފުރަން ގޮސް އެއާޕޯޓުގައި ހުއްޓައެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދަޢުވާއެއް ކޮށްފައިވެއެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ކުރުމުގެ ދައުވާއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ގާޟީ ވަނީ ޑީއެންއޭ ރިޕޯޓާ ބެހޭގޮތުން ސުވާލު ކުރައްވާފައެވެ. މިސުވާލުގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ މިހާތަނަށް އެ ރިޕޯޓް ނުލިބޭ ކަމަށާއި އެ ރިޕޯޓް އަވަހަށް ހޯދަން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.
މިމައްސަލަ ބައްލަވާ ގަޟީ އިބްރާހިމް އިހުސާން ޑީއެންއޭ ރިޕޯޓް ހުށަހަޅަން އެންމެ ފަހު ފުރުސަތު ދެއްވަމުން ވިދާޅުވެފައިވަނީ މި ހާދިސާ ހިނގި ފަހުން ގާތްގަނޑަކަށް ހަ މަސް ދުވަސް ވެފައިވާ ކަމަށާއި ދައުވާ ލިބޭ މީހާ އަދިވެސް ހުރީ ބަންދުގައި ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ގޮތެއް ނިންމޭނީ ޑީއެންއޭ ރިޕޯޓް ލިބިގެން ކަމުން އެންމެ ފަހު ފުރުސަތެއްގެ ގޮތުން މި މަސް ނިމުމުގެ ކުރިން އެ ރިޕޯޓް ހުށަހަޅަން ފުރުސަތު ދީފައިވާ ކަމަށެވެ.
މި މަސް ނިމުމުގެ ކުރިން ޑީއެންއޭ ރިޕޯޓް ހުށަހަޅަން ފުރުސަތު ދީފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ތުއްތު ކުއްޖާގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދުމަށް ފަހު ވަނީ ރާއްޖެ އަނބުރާ ގެނެސް ވަޅުލައިފަ އެވެ.