ކ. ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ބޭނުންވާ ފަރާތްތަކުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އެޗްޑީސީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ގިނަ ބަޔަކު ދަނީ ތިލަފުށިން ބިން ކުއްޔަށް ނެގުމަށް އެދެމުން ކަމަށާއި އެހެންކަމުން ސިނާއީ ބޭނުމަށް ބިން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި (އެޗްޑީސީ)ގެ މެއިލް އަށް ނުވަތަ ސިޓީއަކުން އެ ކޯޕަރޭޝަނަށް ހުށަހެޅުމަށެވެ.
އެޗްޑީސީ އިން ހާމަކޮށްފައިވާ ގޮތުގައި ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކުންނާއި ދިވެހި ކުންފުނިތަކުން ހުށަހެޅުމުން ބިމުގެ ޖާގަ ހުރި މިންވަރަކަށް ބަލައި ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތިލަފުށި ތައްޔާރު ކުރަމުން އަންނައިރު، މިހާރުވެސް ސިނާއީ އެތައް މަސައްކަތެއް ދަނީ ތިލަފުށީގައި ކުރަމުންނެވެ. އެގޮތުން ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެއެވެ.
އަދި ކުރިއަށް އޮތްތަނުގައި ތިލަފުއްޓަށް އިންޓަނޭޝަނަލް ޕޯޓް ބަދަލުކުރެވިގެން ދާނެ ކަމަށާއި އެއިރުން މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައި ކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.