މި ބަދަލުއައިކަން ހާމަކޮށް މޯލްޑިވްސް ޒަކާތް ހައުސް އިން ބުނެފައި ވަނީ، މިދިޔަ މަހުގެ 22 އިން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބު 7،140ރ އިން 9،353.40ރ އަށް އިތުރުވެފައިވާކަމަށެވެ.
ރާއްޖޭގައި މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަމަށް ބަލަނީ ރަން ރިހީގެ އަގުންނެވެ. އަދި ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންނެވެ.
މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ.
މުދަލު ޒަކާތް ނެރުން ވާޖިބުވެގެން ވަނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ:
ރަނާއި ރިހި އަދި ފައިސާ
ބިމުގެ ތެރެއިން ނެގޭ މައުދަންތަކާއި ރިކާޒު
ވިޔަފާރި މުދާ
ގޮވާމާއި މޭވާގެ ތެރޭގައި ހިމެނޭ ގިނަދުވަހު ހަލާކުނުވެ ހުންނަ ތެކެތި
ގެރި، ބަކަރި އަދި ޖަމަލު
އޭގެ ތެރެއިން ރާއްޖޭގައި އާންމުކޮށް ޒަކާތް ނެގެންހުރި ތަކެއްޗަކީ ރަނާއި ރިއްސާއި ގޮވާމުގެ އިތުރުން ވިޔަފާރި މުދަލެވެ. ނިސާބު ހަމަވާ މީހާގެ މައްޗަށް އަހަރަކު އެއްފަހަރު ނެރުން ވާޖިބުވާ މުދަލު ޒަކާތަކީ އިސްލާމްދީނުގެ ތިން ވަނަ ރުކުނެވެ.