ސާނަވީ ތަޢުލީމު ނިންމާ ކުދިންނަށް ޚާއްޞަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ހެނދުނު ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ)އަށް 45 އަހަރު ފުރުން ފާހަގަ ކުރުމަށް ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ އިމާރާތުގައި ބޭއްވި އެސެމްބްލީގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންނަށް ގެދޮރުވެރިކަމާއި އާމްދަނީ ހޯދޭނެ ފުރުސަތުތައް އިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
ސުކޫލުގެ ދަރިވަރުންނާ މުހާތަބުކުރައްވާ ރައީސް ވިދާޅުވީ އަމިއްލަ ނަފުސަށް އިތުބާރުކޮށް ކުރިޔަށްދިއުމުގެ އަޒުމުގައި ގަދައަޅައި މަސައްކަތް ކުރަންވާނެކަމަށެވެ.
“ތިމަންނާއަކަށް ނުވާނޭ، ތިމަންނާއަކީ އެހާ މޮޅު ކުއްޖެއް ނޫނޭ ކިޔާފައި ގިވްއަޕް ކުރުމަކީ އެއްވެސް ކަމެއް ހާސިލްވާނެ ކަމެއް ނޫން. ގިވްއަޕް ނުކުރާތި، އެއްވެސް އިރަކު، އެއްވެސް ކަމެއްގައި އުންމީދު ކަނޑާލައިގެން ނުވާނެ” ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވަނީ ކުރިއަރައިދިއުމަށް ދަރިވަރުންނަށް ވަރަށް ބޮޑަށް ހިތްވަރު ވެސް ދެއްވާފައެވެ.
“ތިމަންނާގެ ކިބައިގައި އެބަހުއްޓޭ އެ ކަމެއް ހާސިލް ކުރުމުގެ ފެންވަރު. އެ ގެރެންޓީ، އެ ކޮންފިޑެންސް އަމިއްލަ ނަފުސަށް އޮންނަން ޖެހޭނެ. އެއީ ކުޑަކުޑަ ކަމެއް ވިޔަސް. ހަޔާތުގައި އަންނާނެ ވަރަށް ގިނަ ކަންތައްތައް. އެހެން ނަމަވެސް އެއިން ކޮންމެ ކަމެއް ވެސް ހާސިލްވާނީ އަމިއްލަ ނަފުސު ދެކެ އިތުބާރު ކުރެވިގެން” ރައީސް ވިދާޅުވިއެވެ.
ސީއެޗްއެސްސީއަށް 45 އަހަރު ފުރުން އިއްޔެ ފާހަގަކޮށްފައިވާ އިރު އެ ސުކޫލުގެ މާލޭގެ އިމާރާތުގައި އަލުން ކިޔަވައިދޭން ފަށަން ވެސް ދާދި ފަހުން ވަނީ ނިންމާފައެވެ.