-Advertisement-

-Advertisement-

ފުވައްމުލަކުގައި މީހަކު ހައްޔަރުކުރަން އަނިޔާވެރިކޮށް އަމަލުކުރި މައްސަލައެއް ބަލަނީ

ފޮޓޯ: ސޯޝަލް މީޑިއާ

ފުވައްމުލަކުގައި ފުލުހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ހިނގަމުން އަންނަ އޮޕަރޭޝަންތަކެއްގެ ތެރެއިން އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކުރަން އަމަލުކުރި ގޮތާ މެދު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑުކިޔުމާއި ގުޅިގެން އެ މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި މީހަކު ހައްޔަރުކުރަން ދެފުލުހަކު ހާލަތާއި އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކުރާތަން ފެނިގެންދެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ދެ ފުލުހަކު މީހަކު ބިންމައްޗަށް ވައްޓާލައި ފައިން ގައިމައްޗަށް އަރައިފައިވާއިރު އެއް ފުލުހަކު ބިންމަތީގައި އޮތް މީހާގެ ކަރަށް ފައިން އަރައިގެން ހުރެ، އަނެއް ފުލުސް މީހާ އޭނާގެ އަތް ލަންބުވާލާ ތަން ފެނިގެންދެއެވެ.

މިވީޑިއޯ ގައި ފުލުހުން އަމަލުކުރި ގޮތުގެ މައްޗަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ފުލުހުންގެ ފަރާތުން އާންމުންގެ މީހުންނަށް ކުރާ މިފަދަ އަނިޔާތަކަށް ފުލުހުން “އެކައުންޓަބަލް” ކުރުވުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުން މިމައްސަލަ ބެލުމަށްވެސް ގޮވައިލައިފައިވެއެވެ.

މިމައްސަލައާއި ބެހޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މިފަދަ އެއްވެސް އަމަލަކީ ފުލުހުންގެ ހިދުމަތުގެ ހަމަތަކުގެ ތެރެއިން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި މި ހާދިސާ ތަހުގީގުކުރަން ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ފުލުހުން މިހާރު އެދިފައިވާނެ ކަމަށެވެ.

“އެއްވެސް މިންވަރެއްގެ އަނިޔާވެރި އަމަލަަކަށް ދިވެހި ފުލުހުން ހިތްވަރުނުދޭނެ ކަމުގައި ދަންނަވަން،” ޝިފާން ވިދާޅުވި އެވެ.

ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ފުލުހުން އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންދާއިރު، އޭގެ އެއް އޮޕަރޭޝަނުގައި ބަޔަކު ވަނީ މީހަކު ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރުމުން ފުލުހުންނާއި ކުރިމަތި ވެސް ލައިފަ އެވެ. އެ ހަމަނުޖެހުންތަކުގައި ފުލުހަކަށް އަނިޔާވެފައިވާއިރު، އެ މައްސަލާއާއި ގުޅިގެން ބަޔަކު ހައްޔަރު ވެސް ކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-