މަދަރުސީ ދައުރުން ފެށިގެން ހަކުރުބަލީގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އަށް 24 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ހަކުރުބަލީގެ މަޢުލޫމާތު ދަރިވަރުންނަށް މަދަރުސީ ދައުރުން ފެށިގެން ފޯރުކޮށްދީ ހޭލުންތެރިކުރުވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭން ރާއްޖޭގައި މިހާރު އެންމެ ގިނަ ބަޔަކު ތަޙައްމަލުކުރަމުންދާ އެއް ބައްޔަކީ ހަކުރު ބަލި ކަމަށެވެ.
ހަކުރުބަލީގެ ހާލަތު ރާއްޖޭގައި އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން އެކަމަނާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ދިހަ މީހަކުން އެކަކީ ހަކުރުބަލީގެ ޓައިޕް 2 ތަހައްމަލުކުރަމުންދާ މީހެއް ކަމަށެވެ.
މިރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ހަކުރުބަލީގެ ޝިކާރަކަށް ވިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ތިން ކަމެއް ފާހަގަކުރެއްވާފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް ކޮންމެ މީހަކީ މި ބައްޔާމެދު އަމިއްލައަށް މަޢުލޫމާތު ހޯދާ މީހަކަށްވާން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ދެވަނައަށް ލިބޭ މަޢުލޫމާތާއި އެއްގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް އިސްލާޙްކުރަން ޖެހޭނެ ކަމަށާއި ތިންވަނައަށް ހަކުރުބަލި ތަޙައްމަލުކުރަން ޖެހިފައިވާނަމަ ފަރުވާހޯދައި އަމިއްލަ ހަށިގަނޑަށް ފަރުވާތެރިކަމާއި އެކު ސަމާލުކަން ދިނުމަށް މެޑަމް ވަނީ އިރުޝާދު ދެއްވާފައެވެ.
ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އަށް 24 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މުޅި ރާއްޖޭގައި ހަކުރުބައްޔަށް ސްކްރީން ކުރުމަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމުން ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސް ހިސާބުތަކުގެ ފޮތް ވެސް ނެރެދެއްވާފައެވެ.