ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އަދި އެކުއެޑޯ ބައްދަލު ކުރި މެޗު އެއްވަރު ޕެނަލްޓީ ޖަހައިގެން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުގެ 90 މިނުޓުގެ ކުޅުން ނިމިފައިވަނީ 1-1 ގެ ނަތީއްޖާ އަކުން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 35 މިނުޓުގައި އާޖެންޓީނާއަށް ގޯލެއް ޖަހައި ލީޑު ނަގައިދިނީ މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒެވެ. އާޖެންޓީނާއަށް ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިފައިވީނަމަވެސް އިތުރު ގޯލެއް ނުޖެހި އެޓީމުން އުއްމީދު ކޮށްގެން ތިބީ އެންމެ ގޯލަކުން ފުދޭނެ ކަމަށެވެ. އެހެންނަމަވެސް މެޗުގެ ދެވަނަ ހާފު ނިމެން ކުޑަ އިރުކޮޅަކަށް ވެފައި އޮއްވާ އެކުއެޑޯގެ ރޮޑްރީގޭޒް ވަނީ ނަތީއްޖާ ހަމަހަމަކޮށް މެޗު ޕެނަލްޓީ ޝޫޓްއައުޓަކަށް ފޮނުވާލާފައެވެ.
އާޖެންޓީނާގެ ކެޕްޓަން މެސީއަށް މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު ޕެނަލްޓީގައި އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒު ނުވެ މިސްވެފައި ވެއެވެ. އެހެންނަމަވެސް އެޓީމުގެ ގޯލްކީޕަރު ޑީބޫ މާޓިނޭޒް ވަނީ 2 ޕެނަލްޓީއެއް ހުއްޓުވައި އާޖެންޓީނާ މި މެޗުން މޮޅުކޮށްދީފައެވެ.
މި ނަތީއްޖާއާއެކު އާޖެންޓީނާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު މިއީ އެޓީމުން ކޮޕާ އެމެރިކާގެ ސެމީ ފައިނަލަށް ޖެހިޖެހިގެން ދިޔަ ފަސްވަނަ މުބާރާތެވެ.