-Advertisement-

-Advertisement-

ފަހު ވަގުތު ޖަރުމަނު ބަލިކޮށް ސްޕެއިން ސެމީ ފައިނަލަށް

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި މިފަހަރުގެ ހޯސްޓު ޖަރުމަން އަދި ސްޕެއިން ބައްދަލު ކުރި މެޗުގެ އިތުރު ވަގުތުގެ ފަހު ވަގުތު ޖެހި ގޯލަކުން މޮޅުވެ ސްޕެއިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މި ފޯރިގަދަ މެޗުގެ ދެވަނަ ހާފު ފަށައިގެން ކުޑަ އިރުކޮޅެއް ތެރޭގައި ސްޕެއިންގެ އޮލްމޯ ގޯލެއް ޖަހައި ސްޕެއިނަށް ލީޑު ނަގައިދީފައެވެ. 90 މިނުޓުގެ ކުޅުން ހަމަވާން އެެންމެ މިނުޓަކަށް ވެފައި އޮއްވައި ޖަރުމަނުން ނަތީއްޖާ ހަމަހަމަކުރީ އެޓީމުގެ ފްލޯރިއަން ވާޓްސް ޖަހައިދިން ގޯލަކުންނެވެ. ސްޕެއިން އިން މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގެ ކުޅުން ނިމެން އެންމެ 65 ސިކުންތު ބާކީ އޮއްވައި އެޓީމުގެ މެރީނޯ ޖަހައިދިން ގޯލަކުންނެވެ.

މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅު ސްޕެއިންގެ ޑިފެންޑަރު ކާވަހާލް އަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ލިބި އޭނާއަށް ސެމީ ފައިނަލުގައި ނުކުޅެވޭނެއެވެ.

ޖަރުމަންގެ މެދަށް ކުޅޭ ޓޯނީ ކްރޫސް މި ސީޒަނަށްފަހު ރިޓަޔާވުމަށް ނިންމާފައި ވުމުން މި މެޗު ވެގެންދިޔައީ އޭނާގެ ފުޓުބޯޅަ ކެރިޔަރުގައި ކުޅުނު އެންމެ ފަހު މެޗަށެވެ.

މި ނަތީއްޖާއާއެކު ޖަރުމަނުން މުބާރާތަށް އަލްވަދާއު ކިޔާފައިވާއިރު ސްޕެއިން އިން ސެމީ ފައިނަލުގައި ވާދަ ކުރާނީ ފްރާންސާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-