ވެމްކޯއަށް ދައްކަންޖެހޭ 39،000ރ. ނުދައްކައިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ވެމްކޯއިން ވަނީ އެފްއޭއެމްގެ މައްޗަށް ވިލިމާލެ ފުޓްބޯޅަ ދަނޑުން ކުނި ނަގައިދިނުމުން އެހިދުމަތަށް ދައްކަންޖެހޭ 39،000ރ. ނުދެއްކައިގެން ދައުވާކޮށްފައެވެ.
އެފްއޭއެމްގެ މައްޗަށް ކޮށްފައިވާ ދައުވާއާށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން އެފްއޭއެމްއިން ޖަވާބުދާރީ ނުވުމުގެ ސަބަބުން ކޯޓުން ވަނީ އެފްއޭއެމްގެ މައްޗަށް ޣައިރު ހާޒިރުގައި ޙުކުމްކޮށް ޙުކުމް ކުރާ ތާރީހުން ފެށިގެން ރަސްމީ ތިން ދުވަހުގެ ތެރޭގައި އެފައިސާ ވެމްކޯއަށް ދައްކައި ނިންމުމަށް އަންގާފައެވެ. އެއީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.
އެފްއޭއެމްގެ މައްޗަށް މިހަފްތާ ސިވިލް ކޯޓުން ތިންވަނަ ހުކުމެއް ކޮށްފައިވާއިރު، މި ތިން ހުކުމް ވެސް ކޮށްފައި ވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގަ އެވެ.
އާދިއްތަ ދުވަހު އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްގެ އަތުން ނެގި ފައިސާ އަނބުރާ ދައްކަން އެފްއޭއެމުން ދޫކުރި ޗެކެއް ބައުންސްވި މައްސަލާގައި 30 ދުވަހުގެ ތެރޭގައި 776،000ރ. ދައްކާށެވެ.
އެފްއޭއެމްގެ މައްޗަށް ކޮށްފައިވާ ދެވަނަ ޙުކުމަކީ ޑޮލަރުން އަނބުރާ ދައްކާ ގޮތަށް އަމިއްލަ ފަރުދެއްގެ އަތުން މިދިޔަ އަހަރު ނެގި 308،400ރ. ނުދެއްކުމުން، އެއަށް ވާ 20،000 ޑޮލަރާއި ޝަރީއަތުގެ ހަރަދަށް ވާ 27،000 ރުފިޔާ 10 ދުވަސް ތެރޭގައި ދެއްކުމަށް ކުރި ޙުކުމެވެ.
އެފްއޭއެމަށް އެންމެ ފަހުން އިންތިހާބު ކުރި އެކްސްކޯގެ ދައުރު
މިދިޔަ އަންގާރަ ދުވަހަށް އެފްއޭއެމަށް އެންމެ ފަހުން އިންތިހާބު ކުރި އެކްސްކޯގެ ދައުރު ހަމަވެފައިވާއިރު، އިތުރު އިންތިހާބެއްވެސް ބޭއްވިފައެއް ނުވެއެވެ. އެހެންކަމުން، ފީފާއިން ވަނީ އިދާރީ މުއާމަލާތްތައް ކުރެވޭ ގޮތަށް، އެފްއޭއެމްގެ ހިންގުން އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އާ ހަވާލުކޮށްފަ އެވެ.