މާލެގެ މަގުމަތިން ހޮވައިގެން ގެނައި 2000 ރުފިޔާގެ ވެރިފަރާތް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިޢުލާންކޮށްފިއެވެ.
ވެރިފަރާތެއް ހޯދުމަށް ފުލުހުން އިޢުލާންކޮށްފައި ވަނީ ޖުލައި 1 ވަނަ ދުވަހު ހެންވޭރު ސޯސަންމަގުގައި ހުންނަ ޝޮޕް އެންޑް ސޭވް ފިހާރަ ކުރިމަތިން 2000 ރުފިޔާ ވަނީ ހޮވައިގެން ފުލުހަށް ގެނެވިފައި ކަމަށާއި އެ ފައިސާގެ ވެރިފަރާތުން ކާކުކަން އެނގޭނެ ލިޔުމަކާއިއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ މި ފައިސާއާއިބެހޭ މަޢުލޫމާތެއް އެގިލައްވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރ 9400053 އަށް ގުޅުމަށްވެސް އެދިފައެވެ.
ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ބަލާ ފާސއްކުރެވޭ މީހުންގެ އަތުން އަތުލާފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ވަނީ ޢާއްމުންގެ އެހީތެރިކަމަށް އެދިފައިވާއިރު، ޖޫން 19 ވަނަ ދުވަހު އަނޯނާ ގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރެވުނު މީހެއްގެ އަތުން ފެނިފައިވާ ދަގަނޑުގައި އަޅުވާ 33 ބިޑީގެ ވެރިފަރާތުން ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް ފުލުހުން ކޮށްފައިވާ އިޢުލާންގައި ބުނެފައިވެއެވެ.