-Advertisement-

-Advertisement-

އަޒުމް ކަނޑައަޅަންވީ އެންމެން ގުޅިގެން ޤައުމަށް ފާގަތިކަން ހޯދުންކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮޓޯ: ރައީސް އޮފީސް

މާތް ރަސޫލާ صلى الله عليه وسلم  ގެ ދިރިއުޅުއްވުމުން އިބުރަތް ލިބިގެނެ، އިސްރާފާއި ބޭކާރު ހަރަދުތައް ނުކުރުމުގެ އާދަ އެންމެން ވެސް ހިފަހައްޓަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޙިޖްރީ އައު އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ރޭ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެ ޚިޠާބުގައި ރައީސް ވިދާޅުވި ގޮތުގައި މަދީނާގައި ރަސޫލާ ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ ޤައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމުކަމެވެ. އެގޮތުން އާއިލާތައް ބަދަހިވާން ޖެހޭކަމާއި މުރާލިކަމާއި ހީވާގިކަމާ އެކު މަސައްކަތްކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަން ޖެހޭކަމާއި ކޮންމެ ފަރުދަކު ވެސް ފުދުންތެރި ދިރިއުޅުމަކަށް އަމާޒު ހިފަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

މާތް ރަސޫލާގެ ޙަޔާތްޕުޅުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ މިއީ އެ ބަރަކާތްތެރި ޙަޔާތްޕުޅުން ޢިބްރަތާއި ދަރުސް ޙާސިލުކުރަން އެންމެ މުހިއްމު ދަނޑިވަޅުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިއަދު ބައްދަލުކުރި ޙިޖްރީ އައު އަހަރުގެ މުނާސަބާގައި ކޮންމެ ދިވެއްސަކު ވެސް ޢަޒުމް ކަނޑައަޅަންވީ ޤައުމު މިއަދު އޮތް ޙާލަތުން އެއަށްވުރެ ރަނގަޅު ފާގަތި މާދަމައަކަށް ދިޔުމަށް މަސައްކަތް ކުރުމުގެ ޢަޒުމްކަމަށާއި، އަދި ޤައުމުގެ ކަންކަން އިސްލާޙުކުރުމަށް އެންމެން އެކަތިގަނޑަކަށްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެކުރިން އަޅާނުލެވި ދޫކޮށްލެވިފައިވާ ކަންކަމާއި ޤާނޫނު ތަންފީޒު ނުކުރެވުމުގެ ސަބަބުން ނުކުމެފައިވާ ނަތީޖާއާއި އެކަކު އަނެކަކަށް ހެޔޮކަންކަމަށް ބާރުއެޅުމުގައި އިހުމާލުވެފައިވާ މިންވަރު ފާހަގަކުރައްވާ އެ ކަންކަން ބަދަލުކުރުމަށް މަސައްކަތް ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ ހިޖުރީ އާ އަހަރެއް އަނެއްކާވެސް ބައްދަލުކުރި އިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ނާމާން ހާލަތްކަމަށެވެ. މުޅި އުންމަތަށް ކުރިމަތިވެފައިވާ މި ކަހަލަ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި “މިއީ އެއް އުންމަތެއްކަމުގައި” ކީރިތި ޤުރުއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި އެއްބާރުލުމާއި ގުޅުންތައް ވަރުގަދަކުރަން ޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުން ލިބޭ އެއްޗަކުން ޚަރަދު ދެކޮޅުޖެއްސުމާއި އިޤްތިޞާދުކުރުމުގެ މުހިއްމުކަމަށް ވެސް ރައީސްގެ ހިތާބުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. މައުނަވީ ގޮތުން ޙިޖްރަކުރުމަކީ އިންސާނާ ހުރި ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ދިޔުންކަން ފާހަގަކުރައްވާ އެ ކަމަށް އެއް ރޫޙެއްގައި މަސައްކަތް ކުރުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-