ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އުރުބާން ކުއްލިގޮތަކަށް ރަޝިއާއަށް ވަޑައިގެން ރައީސް ވްލަދިމިޔަރ ޕޫޓިންއާ ބައްދަލުކުރެއްވުމުން ޔުކްރެއިންއާއި އެމެރިކާ އަދި ޔޫރަޕް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.
މި ދަތުރުފުޅާ ގުޅިގެން ޔޫރަޕްގެ އިއްތިހާދުގެ ސެކްރެޓޭރިއަޓުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބާޔާނުގައި ބުނެފައިވާ ގޮތުގައި ރަޝިއާއާ ދެކޮޅަށް އެކުލަވާލާފައިވާ ބްލޮކް ބަލިކަށިވާފަދަ އަމަލުތައް އުރުބާން ހިންގެވުމަކީ އެ ގައުމުން ވަރަށް ހިތާމަ ކުރާ ކަމެއްކަމުގައެވެ.
މީގެ އިތުރުން ޔުކްރެއިންގެ ޚާރިޖީ ވުޒާރާއިން ވެސް މި ކަމާ ގުޅިގެން ބަޔާނެއް ނެރުނުކަން ފާހަގަކޮށްލެވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ އުރުބާން މޮސްކޯއަށް ވަޑައިގެން ރައީސް ވްލަދިމިޔަރ ޕޫޓިންއާ ބައްދަލުކުރެއްވީ އެމެރިކާއާއި ޔޫރަޕާ މަޝްވަރާ ނުކުރައްވާކަމަށެވެ. އަދި މި ނިންމެވުން އުރުބާން ނިންމެވީ ހަންގޭރީގެ ސަރުކާރުން ނިންމި ނިންމުމެއްގެ ދަށުންކަމަށް ޔުކްރެއިނުން ބުނެއެވެ.
ހަމައެހެންމެ އެމެރިކާގެ ރިޔާސީ އޮފީސް، ވައިޓް ހައުސްގެ ތަރުޖަމާނު ކެރިން ޖޭން ޕިޔެރ ވިދާޅުވި ގޮތުގައި އުރުބާން ރަޝިއާއަށް ވަޑައިގެންނެވުމަކީ އެމެރިކާ ވަރަށް ކަންބޮޑުވެ ދެރަވާކަމެކެވެ. ޕިޔެރ އިތުރަށް ވިދާޅުވީ މިއީ ޔުކްރެއިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ހިމާޔަތްކުރުމަށް އެމެރިކާއާއި ޔޫރަޕުން ކުރަމުން އަންނަ މަސައްކަތްތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި މި ދަތުރުފުޅަކީ ރަޝިއާގެ އަނިޔާވެރިކަމަށް ހިއްވަރު ލިބިގެންދާނެ އަމަލެއްގެ ގޮތުގައި ޕިޔެރ ވަނީ ސިފަކުރައްވާފައެވެ.
ޕޫޓިންއާ ބައްދަލުކުރެއްވުމަށްފަހު އުރުބާން ވިދާޅުވީ ޔުކްރެއިންގެ މައްސަލައަކީ ހަނގުރާމަ ކޮށްގެން ހައްލުކުރެވޭނެ މައްސަލައެއްނޫންކަމަށާއި ހަނގުރާމަ ހުއްޓާލާނެ ސުލްހައިގެ ޕްލޭނެއް ބޭނުންވާކަމުގައެވެ. އަދި ޔުކްރެއިންގެ މައްސަލާގައި ރަޝިއާއާއި ހަންގޭރީގެ ޚިޔާލު ތަފާތުކަމަށް ވެސް އުރުބާން ވިދާޅުވިއެވެ.