މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޯޑު މެމްބަރުކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.
އެގޮތުން އެ ކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަޤާމަށް އަބްދުލް ސަމީއު އިމާދުގެ އިތުރުން އައިޝަތު ހަމީދު އައްޔަން ކުރިކަންވަނީ އެމްއެމްޕީއާރސީގެ “އެކްސް” ގައި ޕޯސްޓަކުން ހާމަކޮށްފައެވެ.
އެމްއެމްޕީއާރސީގެ އިސްމަޤަމްތަކަށް މި ފަހުން ގާތްގާތުގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު މަގާމުން މިދިޔަ މެއި މަހު ވަނީ ވަކިކޮށްފައެވެ. ފާތިމަތު ތައުފީގު އެ މަޤާމުން ވަކިކުރުމުގެ ކުރިން އެ ކޯޕަރޭޝަންގެ ކުރީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު ވަނީ އެ މަޤާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.
އެމްއެމްޕީއާރުސީ ބޯޑުގައި ސަރުކާރު ތަމްސީލު ކުރެއްވި ބޭފުޅެއްކަމަށްވާ ރާފިލް މުހައްމަދު ވެސް ވަނީ މިއަހަރުގެ އޭޕްރީލް މަހު އިސްތިއުފާ ދެއްވާފައެވެ.
މި ނިމުނު ޖޫންމަހުގެ 14ވަނަ ދުވަހު އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވަނީ އައްޔަންކޮށްފައެވެ.
ސަރުކާރުން ބުނެފައިވަނީ، ދައުލަތުގެ ކުންފުނިތަކުގައި މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުން ވަކިކޮށް ބަދަލުކުރަނީ ސަރުކާރުގެ އުސޫލުތަކާއި ސިޔާސަތުތައް ތަންފީޒުކޮށް ކަންކަން ރަނގަޅުކޮށް، ފަސޭހަކުރަން ކަމަށެވެ.