ކޮންމެ މީހަކު ވެސް އެ މީހެއްގެ މައިންބަފައިންގެ ނަމުގައި ގަހެއް އިންދުމަށް ތިމާވެށްޓާއި ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް އެދިވަޑައިގެންފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކްލީން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން އެއްޔެ ބޭއްވި “ގޯ ގްރީން” ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ގައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމަށެވެ.
ވުމާއެކު، ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވައިފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ކޮންމެ މީހަކުވެސް މަންމައާއި ބައްޕަގެ ނަމުގައި ގަހެއް އިންދައި ގަސް އިންދުމުގެ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށެވެ.
“ގޯ ގްރީން” ޕްރޮގްރާމަކީ ރައީސް، ޑރ. މުހައްމަދު މުޢިއްޒު އިފުތިތާހު ކޮށްދެއްވި “މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުން” މި ޝިއާރުގެ ދަށުން 1،000 ގަސް އިންދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ކްލީން މޯލްޑިވްސް އިން ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވީ ވަޒީރު ތާރިޤު އިބްރާހީމްއެވެ. މި ޕްރޮގްރާމުގައި 350 އަށް ވުރެ ގިނަ ބައިވެރިން ހަރަކާތްތެރިވެފައިވާއިރު، މީގެ 50 އިންސަންތަ އަކީ ކުޑަކުދިންނެވެ.