މޯލްޑިވިއަންގެ އެއާބަސް މަރުކާގެ އޭ-320 އަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު އެ ބޯޓު މިއަދު މެންދުރުފަހު އަނބުރާ ގެނެސްފިއެވެ.
ގައުމީ އެއާލައިން އެއާބަސް މަރުކާގެ އޭ-320 އަށް ދިމާވި ޓެކްނިކަލް މައްސަލަ އާއި ގުޅިގެން މެލޭޝިއާގެ ސީފެން އިންޖިނިއަރިން އިން ބޯޓަށް ބޭނުންވާ ހިދުމަތް ހޯދައި، މައްސަލަ ހައްލުކޮށް އަނބުރާ ގެނެސްފައިވާ ކަމަށް ގައުމީ އެއާލައިން މައުލޫމާތު ދީފައިވެއެވެ.
މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި ބަންގްލަދޭޝްގެ ވެރިރަށް ދާކާ އަށް މިރޭ 9 ޖަހާއިރު ދަތުރުތައް އަލުން ފަށާނެ އެވެ.
އިއްޔެ ހެނދުނު އެ އެއާލައިނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޯލްޑިވިއަންގެ އެއާބަސް މަރުކާގެ އޭ-320 އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދާކާ އަށް ކުރަން އޮތް ދަތުރު ކެންސަލް ކޮށްފައިވާ ކަމަށެވެ.
މިދިޔަ މަހު ވެސް މިބޯޓަށް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ފުރުން ލަސްވެ މައްސަލަ ހައްލުކުރަން ޖެހިފައެވެ.
މޯލްޑިވިއަންގެ ފްލީޓްގައި 25 މަތިންދާބޯޓެއް އޮވެއެވެ. އެއީ:
- އޭޓީއާރުގެ ހަތަރު ބޯޓު
- އެއާބަސް އޭ-320 ގެ ބޯޓެއް
- ޑޭޝް-8 ގެ ނުވަ ބޯޓެއް
- 11 ޓްވިން އޮޓާ ސީޕްލޭން