މިސްކިތެއްގައި އޮތް ހަތިމެއްގައި ދަތްއަޅައި ވީދާލި މީހަކު ހައްޔަރުކޮށްފި އެވެ.
މިސްކިތުގައި ބާއްވާފައި އޮތް ކީރިތި ޤުރުއާނުގައި ދަތްއަޅައި ވީދާލުމުން ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ މަންނާން އެވެ.
އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ ކަމަށް ގާޟީ ވިދާޅުވެފައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓްގައި މަންނާން، މިސްކިތުގައި އޮތް ހަތިމެއްގައި ދަތްއަޅައި ވީދާލައިފައިވާ ކަމަށް ބެލެވޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މަންނާންއަކީ ބިދޭސީ ރައްޔިތަކަށް ވުމުން ފިލައިގެން ހިނގައިދާނެތީ ވެސް އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ބަޔާން ކޮށްފައިވެއެވެ.
ހަތިމުގައި ދަތް އަޅައިގެން މީހަކު ހައްޔަރު ކޮށްފައިވާއިރު، މީގެ ކުރިން ވެސް ހަތިމަށް ކުޅު ޖަހައިގެން ވެސް ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.