-Advertisement-

-Advertisement-

ފެލިވަރުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާކަމުގެ ޝަކުވާތަކަށް މިފްކޯއިން ރައްދު ދީފި

ޅ ފެލިވަރު ކޭނަރީގައި މުވައްޒަފުން މަސައްކަތް ކުރަނީ. ފޮޓޯ: މިފްކޯ

ޅ އަތޮޅު ފެލިވަރުގައި މަސައްކަތް ކުރާ މިފްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާތީ އެ ކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޅުކުރަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ވަޒީފާއިން ވަކިކުރި މީހުންނަށް އެ މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ ޙައްޤަކާ ނުލާކަމަށް ނުބުނެވޭނެކަމަށެވެ. އަދި ވަޒީފާއިން ވަކިކުރަނީ މަސައްކަތަށް ފަރުވާ ކުޑަކުރުމުންކަމަށާއި އެ ގޮތަށް އަމަލުކުރާ އެންމެން ވަޒީފާއިން ވަކިކުރާނެކަމަށް ކޭޑް ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހަކު ވަޒީފާއިން ވަކިކުރި ވާހަކައެވެ. އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ސައީދު ވިދާޅުވީ ކުންފުނިން ބަލާނީ އެ މީހާ ވަޒީފާއަށް ގަޑިއަށް އާދޭތޯކަމަށެވެ. އަދި ވަޒީއަށް ހާޒިރު ނުވެވޭ ދުވަސްތަކުގައި ސަބަބު އެންގެން ވާނެކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

“ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްކަމުގައި ވިޔަސް، އެ މީހާ ވަޒީފާއަށް ނާންނަ ސަބަބު ބުނެދޭން ޖެހޭނެ. މީގެ ކުރިން އޮންނަ އުސޫލަކީ ފިޔަވަޅު އަޅައިފިއްޔާ އޭނަ ގޮސް މި ގުޅަނީ ދާއިރާގެ މެމްބަރަށް. މެމްބަރު ބޭނުންކޮށްގެން އައިސް އަނެއްކާ ކުންފުންޏަށް މި ވަންނަނީ. މުޅި ދުވަހު އޯޓީގެ ގޮތުގައި ޖަހާ މީހުން، އެއަށް ބަލާއިރު އެނގޭނެ އޭނަ ކައިފައެއް ވެސް ނެތްކަން. ނިދާފަ ވެސް ނެތްކަން. ކިހިނެތްހޭ މުޅި ދުވަހު އެއްކޮށް މި ވަރަށް މަސައްކަތް މި ކުރީ. މި ކަހަލަ ނޭދެވޭ ކަންކަން ވެސް އެބަ ހުރި ކުންފުނީގައި ކޮށްފައި” ސައީދު ވިދާޅުވިއެވެ.

“މި ގޮތަށް މައްސަލަ ޖެހިފައި ގަޑިއަށް ނައުމާއި ނަހަލާލު ގޮތުގައި މުސާރަ ހޯދުމާއި ނުހައްގުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން މަގާމުގައި ދެމިހުރުމާއި ވާނުވާ ނާންގާ މީހުން އެބަތިބި. މިފްކޯގެ ހެޑްއޮފީހުގައި ވެސް ހަމަ ފާހަގަ މީހުން ވަކިކުރާނެ، ކުރިއަށް އޮތްތަކުގައި ވެސް ވަކިކުރާނެ” ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި ޙައްޤަކާ ނުލައި މިފްކޯއިން އެއްވެސް މުވައްޒަފެއް ވަތްކެއް ނުކުރާނެއެވެ. ކުރީގެ ސަރުކާރުން މިފްކޯގެ މަގާމުތަކަށް އައްޔަނުކޮށްފައި ތިބި މުވައްޒަފުން އަދިވެސް ވަޒީފާގައި ތިބިކަން މި ކަމުގެ ހެތްކަކަށް ފުދޭނެކަމަށް ސައީދު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-