-Advertisement-

-Advertisement-

ހިޔާނާތުން ގެއްލުނު ފައިސާ ހޯދަން ޚާއްޞަ ޤާނޫނެއް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޕީއެސްއެމް

ކޮރަޕްޝަނާއި ޚިޔާނާތުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް ޚާއްޞަ އެސެޓް ރިކަވަރީ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ޕީއެންސީ ހައުސްގައި ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ މިހާރު ޤާނޫނުތައް ހުރިގޮތުން، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ދަތިތަކެއް އެބަ ހުރިކަމަށެވެ. އަދި ގެއްލުނު ފައިސާ ހޯދުމަކީ އެ މަނިކުފާނުގެ ވައުދުފުޅަކަށް ވާއިރު، އެ ފައިސާ އަނބުރާ ހޯދުމަށް ޤާނޫނެއް ފާސް ކުރުމަށްޓަކައި އެސެޓް ރިކަވަރީ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށްޓަވާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ކޮރަޕްޝަން ފަދަ ކަންކަމުން ދައުލަތުން ވަގަށް ނަގާފައިވާ ފައިސާ އަނބުރާ ހޯއްދަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލް ވިދާޅުވީ ކޮރަޕްޝަން މެދުވެރިކޮށް ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވައްކަންތައް ބަލައި، އެ ކަންކަން ކުރި ފަރާތްތައްކަށް ޙައްޤު އަދަބުދީ އެ ފައިސާ އަނބުރާ ހޯދަން ޖެހޭކަމަށެވެ. އެގޮތުން ކުރީ ސަރުކާރުތަކުން ރިޔާސީ ކޮމިޝަންތައް ހަދައިގެން ބޮޑެތި ޚަރަދުތައް ކުރި ނަމަވެސް ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދިފައި ނުވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އަލަށް ތައާރަފު ކުރާ ޤާނޫނުގެ ދަށުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ވިއްކުން ނުވަތަ ކުޑަ އަގުގައި ވިއްކައިގެން ފައިދާ ހޯދުން ފަދަ ކަންކަން ކޮށްފައި ހުރި ފަރާތްތަކުގެ ކިބައިން އެ މުދާތައް ރިކަވާކޮށް، އެ ފައިސާއިން ފައިދާވާ ގޮތަށް ފައިސާ ހޯދާނެކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި ކަޅު ފައިސާ ވެސް ހޯދަން ފަސޭހަވާނެ ގޮތަކަށް އެ ޤާނޫނު ފަރުމާ ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

“އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ، އެހެން ޤައުމުތަކުގެ މި ކަންކުރާ އިންޓަނޭޝަނަލް ބޮޑީތަކުގެ ރިކޮމެންޑޭޝަނަށް ބަލައި، އެއާ އެއްގޮތަށް މި ބިލް ތައްޔާރުކުރެވޭނީ. އޭރަށް އިރާދަކުރެއްވިއްޔާ ހަމައެކަނި ރާއްޖޭގައި ވައްކަންކޮށްގެން ރައްކާކޮށްފައިވާ ފައިސާއެއް ނޫން، ރާއްޖޭން ބޭރަށް އެއްޗެއް ގެންގޮސްފައި ހުރިއްޔާ އެ އެއްޗެއް ވެސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަވެގެންދާނެ،” ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކީ ކޮރަޕްޝަނުގެ އެންމެ ބޮޑު އެއް މައްސަލަކަމަށާއި އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއް ކަމުގައިވިއަސް ޙައްޤު އަދަބުދީ، އެ ފައިސާ އަނބުރާ ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ. ނަމަވެސް އެ ހިޔާނާތުގައި ބައިވެރިވި މީހުންގެ މައްޗަށް ކުށް ސާބިތު ކުރަން ޖެހޭނީ އިންސާފުވެރިކަމާއެކުކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-